ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ބުނަމުންދަނިކޮށް އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅޭ ކަހަލަ ގޮތަކަށް ކަމަށެވެ.
"ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުންކަހަލަ ކަމެއް. ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ،" އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޕެންޝަން ބޯޑަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަން ކުރި ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭގެ ނުރައްކާ އިގްތިސާދަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި އޭގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިޤްތިސާދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް،" ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން ވަރަށް ބޮޑެތި ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި މައްސަލައަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެގޮތަށް ފައިސާ ޗާޕު ކުރުމުން ޕެންޝަން އޮފީހުގެ އިތުބާރު ގެއްލި، ދިވެހިން ރިޓަޔަމަންޓް ޕެންޝަމް ފަންޑު ނުރައްކަލަކަށް ވެއްޓޭނެ ކަމަށެވެ.
"މިގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި، ފައިސާ ޗާޕުނުކުރާން އޮތް ވައުދާ ދުރަށްޖެހިއްޖެކަން ސަރުކާރުން އެއްބަސްވެ، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން ކުރަންޖެހޭ މަގުން ކުރިއަށްގެންދަންޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން އެމްޑީޕީ އިން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރަފަ އެވެ. އެމްޑީޕީ އިން ބުނީ މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީގޮތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައިރުގާނޫނީ އަމަލެއް،" އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް: އަލީ ހުސެއިން ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް: އަލީ ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ