އައްޑުއަށް ވީ ވައުދުތައް ބިލާހަކަށް އައްޑުއަށް ވީ ވައުދުތައް ބިލާހަކަށް

"އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ ތެދުވެރި އިހުލާސްތެރި ހުށަހެޅުންތަކެއް ހުށަހަޅާތަނޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެންނާނީ ނަތީޖާ ނެރޭ، މާނާހުރި ތަފާތެއް ދައްކުވައިދޭ، ރައްޔިތުންނަށްޓަކައި ހިދުމަތް ކޮށްދޭ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާތަން."
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޯގަސްޓު 21، 2023، ގައި އައްޑުއަށް ވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މުއިއްޒު އެހެން ރަށްރަށް ވެފައިވާ ގިނަ ވައުދުތަކެކޭ އެއްގޮތަށް އައްޑޫ އަށްވީ ގިނަ ވައުދުތައް ވެސް ބިނާކުރީ ހަމައެކަނި އަންގައިންނެވެ. ދެން ނޫސްތަކުގެ ސުރިހީތަކުގަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުޅި ރާއްޖެއަށް މުއިއްޒު ވިއްކީ އެ މަނިކުފާނު ގަބޫލުކުރެއްވި ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުމެއްގެ ގޮތުގައި އޮތް އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމެވެ. ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުންވަން ކުރިން ތިބި އިންޑިއާގެ އަސްކަރީ ޔުނިފޯމުގެ އެޅި މީހުންގެ ބަދަލުގައި، އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުން ތިބުމަކީ، އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރަން ވީ ވައުދު ފުއްދިއްޖެ ކަމަށް މުއިއްޒު ގަބޫލުކުރާ ސަބަބެވެ.
ނަމަވެސް ވީ ވައުދު ފުރިހަމަ ނުކުރެވޭކަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ އައްޑޫ ރައްޔިތުންންނެވެ. އެ ހެލިކޮޕްޓަރު ވެސް އެބަ އޮތެވެ. ދުއްވަން އަދިވެސް ތިބީ އިންޑިއާ މީހުންނެވެ. އެ މީހުން އެ ހެލިކޮޕްޓަރުތައް އޮޕަރޭޓު ވެސް ކުރެ އެވެ. އެހެންވެ، އިންޑިއާ އަސްކަރިއްޔާ ބޭރުކުރަންވީ ވައުދު ނުފުއްދަ އެވެ.
ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ ވާހަކަ ކޮންމެ ތަގުރީރެއްގައި ތަކުރާރު ކުރައްވާއިރު، އެކަން ވެސް އެންމެ ރަނގަޅަށް މިނެކިރޭނެ ބަޔަކީ އައްޑޫ ރައްޔިތުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލާ 15 ކިލޯމީޓަރުގެ ބްރިޖުގެ ވައުދުވި އެވެ. އެއީ އައްޑޫ އަށް ވީ އެންމެ ބޮޑު ވައުދެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ވިދާޅުވީ ރާއްޖޭގައި ބްރިޖު އަޅާފައި އޮތީ ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި ކަމަށާއި "އެހެންވީމާ އެކަމުގެ ފަންނީ ގާބިލްކަން އަޅުގަނޑުމެންގެ ތެރޭގައި [ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި] އެބަހުރި" ކަމަށެވެ. އެހެންވެ، އެކަން މި ސަރުކާރުން ކުރާނެ ކަމަށް ގަބޫލު ކުރެވުނެވެ.
ފެބްރުއަރީ 2024 ގައި ރައީސް މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުގައި ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެކު ހުޅުމީދޫގައި ސޮއިވެސް ކުރި އެވެ.
"އިރާދަކުރެއްވިއްޔާ މި ދަތުރުގައި އަޅުގަނޑުމެން ފަށަން މި މަސައްކަތް ކުރަނީ، މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން އަޅުގަނޑު ވަޢުދުވެފައިވާ އެންމެބޮޑު މަޝްރޫޢުގެ ފީޒިބިލިޓީ ޑިޒައިން، ފީޒިބިލިޓީގެ މަސައްކަތް. އެއީ، ބުރިޖުގެ މަސައްކަތް. އެ މަސައްކަތްވެސް، އޭގެ ޑިޒައިން މަސައްކަތް، ފީޒިބިލިޓީ މަސައްކަތް އެއީ، ހިލޭ އެހީ. އެ މަސައްކަތް ނިމިގެން ދެން މަސައްކަތަށް، އަސްލު ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާއިރުގައި، މި ދެންނެވި ބީދައިން ކުރިއަށްދާނީ،" އެ ދަތުރުގައި މުއިއްޒު ވައުދުވެ ވަޑައިގަތެވެ.
އެ ބްރިޖަކީ ހަމައެކަނި ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި ބޭނުމަކީ އިގުތިސާދީ ކުރިއެރުން ގެނެސްދިނުން ކަމަށް މުއިއްޒު ވިދާޅުވިޔަސް އެ ވައުދު ވެގެން ގޮސްފައި އޮތީ ލޮލުގައި އެޅުވި އަނދުނަކަށެވެ. ބިލާހަކަށެވެ. ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ވިދާޅުވެ، ނުފެށި ދޮޅު އަހަރު ފާއިތުވެގެން ދިޔައިރު އެ މަޝްރޫއު ފެށޭނެ ތާރީހެއް ބަޖެޓެއް ވެސް މި ސަރުކާރަކަށް ނޭނގެ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އާބާދީ ދެން އެންމެ ބޮޑު އައްޑޫ އަށް ތަރައްގީ ގެނެސް، އިގުތިސާދު ވަރުގަދަކޮށް، މާލެ އަށް ޒިޔާރަތް ކުރަން ނުޖެހޭ މިންވަރަށް ސިއްހީ ހިދުމަތާއި އެހެން ހިދުމަތްތައް ގާއިމުކޮށް ދިނުމަކީ ވެސް މުއިއްޒު ވައުދެކެވެ.
މުއިއުޒުގެ ވައުދުގެ ތެރޭގައި އައްޑޫއަށް އައްސޭރި ޓޫރިޒަމް ތައާރަފުކޮށް 6،000 އެނދާއެކު 10،000 ވަޒީފާ އުފެއްދުމަށާއި، އެއާޕޯޓާ ތަރައްގީކުރުމާއެކު، އައްޑޫގައި ސީޕްލޭން ހަބެއް އުފައްދައި ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު ވެސް ސީޕްލޭންގެ ދަތުރުތައް ފެށުމަކީ މުއިއްޒުގެ ތަސައްވުރެކެވެ.
"މި ސިޓީއަށްވެސް އައްސޭރި ޓޫރިޒަމް ގެންނަން މި މަސައްކަތް ކުރަނީ. މި ސިޓީގެ އެއާޕޯޓުގެ މަސައްކަތާ އެކީގައި، ޓޫރިޒަމްގެ މަސައްކަތާއެކީ، ސީ ޕްލޭން ހަބަކާއެކީ، ބުރިޖުގެ މަސައްކަތާއެކީ، އެކުއެކީގައި މި ސިޓީގެ ތަރައްގީ، މި ސިޓީގެ ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑުމެން މި ދައުރުގައި ހާސިލުކޮށްދޭނަން. އެއީ، އަޅުގަނޑަށް ޔަގީންކަން އޮތް ކަމެއް އިރާދަކުރެއްވިއްޔާ. ރައްޔިތުންގެ ކިބައިން އެދެނީ، މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވުމަށް. އިތުބާރު ކުރެއްވުމަށް. އެކަމުގައި ދެއްވެންހުރި ހުރިހާ އެއްބާރުލުމެއް ތިޔަބޭފުޅުން ދެއްވާނެކަމާ މެދުގައި އަޅުގަނޑު ޝައްކެއް ނުކުރަން،" މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއެކު ފެބްރުއަރީ 18، 2024، ގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
އެ ޔަގީންކަމާއެކު، ކުރިން އެމްޑީޕީގެ އެންމެ ވަރުގަދަ އަތޮޅެއްގެ ގޮތުގައި އޮތް އަދި އަބަދު ވެސް އެމްޑީޕީން ގިނަ ގޮނޑިތައް ނަގާ އައްޑޫން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑި ދިނީ ޕީއެންސީ އަށެވެ. ނަމަވެސް މުއިއްޒު ދެއްވި ޔަގީންކަމާ އެއްގޮތަށް މަސައްކަތެއް ކުރިއަށް ނުދެ އެވެ.
ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް ނުހުޅުވާ އޮތް އައްޑު އަތޮޅު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު 2024 ގައި ހުޅުވަން ވައުދުވިޔަސް، އެ ވައުދު ނުފުއްދި އޮތްވައި، އަލުން މުއިއްޒު އައްޑު އަށް ވަޑައިގަންނަވާތީ މި އަހަރު ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ފުރަތަމަ އިއުލާނުކުރި އެވެ.
ނަމަވެސް، އެއީ ބޮޑު އޮޅުވާލުމެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ.
"އެއީ ހަމަ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމެއް. ޝަންގްރިއްލާއިން އެ ވާހަކަ ދެއްކިޔަސް އެއީ އަޅުގަނޑަށް ގަބޫލު ކުރެވެނީ ސިޔާސީ ނުފޫޒުގައި އެ ބޭފުޅުން ޖެހި ދައްކާ ވާހަކަތަކެއް ކަމަށް. ޝަންގްރިއްލާ ހުޅުވޭނެއޭ ކިޔާފަ އެ ދައްކަނީ ބޭކާރު ވާހަކަތަކެއް. ގަބޫލުކުރާކަށް ނުވެސް ވާނެ،" ނިޒާރު ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ގިނަ ވައުދުތައް ނުފިއްދި ހުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް އިތުރު ވައުދުތަކެއްވި އެވެ. އޭގެ ތެރެއިން އެއް ވައުދަކީ ފޭދޫ ހިއްކި ބިމުގައި ފެނާއި، ނަރުދަމާ، ކަރަންޓް ލައި ދިނުމެވެ. އެކަން ވެސް އަދިވެސް ނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފެށޭ ހަފުތާގައި އައްޑު އަށް ވަޑައިގަންނަވާ އަޑުތައް ފެތުރިފައިވެ އެވެ. ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުން މުޒާހަރާކުރި އިރުވެސް ހައްލު ނުވެ އޮތުމަށް ފަހު، މުއިއްޒުގެ ދަތުރާ ދިމާކޮށް، އާ ޖަނަރޭޓަރު ސެޓެއް އައްޑުއަށް ވަނީ ގެންގޮސްފަ އެވެ. އަދި ހުއްޓިފައި ހުރި އެހެން ކަންކަން ވެސް ފެށުމަށް، ނުވަތަ ފަށަން އުޅޭކަން ދަނީ ދައްކަމުންނެވެ.
މުއިއްޒުގެ ވައުދުތައް ހުރީ އެމަނިކުފާ ވިދާޅުވި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކުގައިތޯ ރައްޔިތުން ވަޒަންކުރާށެވެ. އެއަށް ފަހު ގޮތް ނިންމާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ