ތުއްތު އިރު ދަރިން އުކާލާ ަބއްޕައިން ދަރިންގެ ލޮލަށް ނުފެނި އެތައް އަހަރެއް ހޭދަކުރާ ބައްޕައިން މުސްކުޅިވެ ގޮތް ހުސްވުމުން ދަރިން ދެކެ ލޯބިވާކަމަށް ހެދިގެން އައުމުން ދަރިން އެބައްޕަ ބަލައި ނުގަތީމާ މައިމީހާ ކުށްވެރިކުރާކަމުގެ މައްސަލަތައް ކުރިމަތިވެ ކިޔުންތެރިން ސުވާލުކުރެއެވެ.
މިއީ މަދުން ކުރިމަތިވާ ކަމެއް ނޫނެވެ. ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ޥާހަކައެކެވެ.
ދެމީހުން ކައިވެނިކުރީ ނުހަނު ލޯބިން ނެވެ. ނަމަވެސް ލޯބީގެ މުއްދަތަކަށްވީ ބަލިވެއިނދެވިހަން ގާތްވުމެވެ. އެއިރު އަހަރެން އިނީ ދުވަސްފުރައި ވިހަން ދާދި ގާތްވެފައެވެ. ފިރިމީހާ ބޭނުންވީ އަހަރެން ވަރިކުރާށެވެ. ވިހައި ގަދަވަންދެން އިންނަން ޖެހޭނީ އޭނާގެ ޢިއްަދއިގައި ކަމާއިމެދުވެސް ވިސްނައެއް ނުލިއެވެ. އުފަންވާން އުޅޭ ފުރަތަމަ ދަރިފުޅަށްވެސް ބަލައިލުމެއްނެތި ވަރިކޮށްފައި އަހަރެން ފޮނުވައިލީ އެހެން އަންހެނަކު ދެކެ މާބޮޑަށް ލޯބިވެވިއްޖެ ކަމަށް ބުނެފައެވެ.
"މުޅި ދުނިޔެއިންވެސް ލޯބިވަނީ އަހަރެން ދެކެ އެކަނި ކަމަށް ވެސް ހަމަ ތި ދުލުން ނުބުނަންތޯ؟" ސުވާލުކުރުމުން ބުނީ އެއީ މީގެ އަހަރެއްހައި ދުވަސްކުރިން ބުނެވުނު ބަހެއް ކަމަށެވެ. ޙާލަތު މިހާރު ބަދަލުވެއްޖެ ކަމަށްވެސް ބުންޏެވެ.
ދަރިފުޅަށް ބައްޕަގެ ލޯބި ނުލިބުމުން ކިހައި ދެރަވާނެތޯ؟ ސުވާލުކުރުމުން ބުނީ މަންމަދެކެ ބައްޕަ ލޯބިނުވާކަން އެނގުނީމާ މާބޮޑަށް ދަރިފުޅު ދެރަވާނެ ކަމަށެވެ. އެހިސާބުން ދެން އެހެން އެއްވެސް ގޮތެއް ނެތްކަން އެނގުމުން އަހަރެން އޭނާގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އަހަރެން އޭނާގެ ކިބައިން އެދުނު ހަމައެކަނި އެންމެ ކަމަކީ އަހަރެން ވިހެއުމުން ދަރިފުޅަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދޭނެނަމަ ދުވަހަކުވެސް އޭނާއަކީ ބައްޕަކަމަށް ހެދިގެން ދަރިފުޅުގެ ކުރިމައްޗަށް ނުއެރުމަށެވެ. އަދި ދަރިފުޅު، ﷲ ތަޢާލާގެ ވާގިފުޅާއިއެކު ބޮޑުކުރާނީ އަސްލު ބައްޕަ ގެއްލިފައިވާ ކުއްޖެއްގެ ގޮތުގައި ކަމަށްވެސް ބުނީމެވެ.
ކޮންމެއަކަސް އަހަރެންނަށް ދެއްވެވީ ލޯބިލޯބި ފިރިހެން ދަރިއެކެވެ. ދަރިފުޅަށް އަހަރުވާން އުޅެނިކޮށް ވަރަށް ހެޔޮ ލަފާ ފިރިއަކު ވެސް ދެއްވެވިއެވެ.
ދަރިފުޅުގެ ބައްޕަގެ ފުރަތަމަ ފޯނު ކޯލް ލިބުނީ ދަރިފުޅުގެ އުމުރުން 10 އަހަރުގައެވެ. އޭނާ ކައިވެނިކުރި މީހާއަށް ދަރިއަކު ނުލިބުމުގެ ސަބަބުންނާއި އެހެންވެސް މައްސަލަތަކެއްގައި ވަރިކުރުމަށްފަހުގައެވެ. ދަރިފުޅާއި ބައްދަލުކުރަން އެދުމުން ވަރިކުރި ދުވަހު ދެކެވުނު ވާހަކަތައް ފުރަތަމަވެސް ހަނދާންކޮށްދިނީމެވެ.
ސްކޫލުން ނިމިގެން ނުކުތް ގަޑީގައި އޭނާ ބައްދަލުކުރިއެވެ. ނަމަވެސް އެއްބަސްވުމާއި ޚިލާފަށް ބައްޕަހެދިގަތެވެ. ބަންދުކޮށްފައި އެއްޗެއް ދީފައި އެއީ އުފަންދުވަހުގެ ހަދިޔާއަކަށް ދިން އަގު ބޮޑު ފޯނެއް ކަމަށް ބުންޏެވެ. އެއިގައި ހިފަން އަހަރެން ދެކޮޅު ހެދީމެވެ. އަދި މިހާރު ހުރި ބައްޕަ އިއްޔެ ފޯނެއް ގަނެދީފައިވާކަންވެސް ދަރިފުޅަށް ހަނދާންކޮށްދިނީމެވެ. އެހިސާބުން އައީ އެންމެ އަސަރުގަދަ ވަގުތުކޮޅެވެ.
އޭނާއަށް އޭނާގެ އެއްބަސްވުމުގައި ޘާބިތު ނުވެވި އޭނާއަކީ އަސްލު ބައްޕަކަމަށް ބުނުމުން ދަރިފުޅު ބުނީ އަސްލު ބައްޕަ ވަނީ ގެއްލިފައި ކަމަށާއި މިހާރު ހުރި ބައްޕައަކީ ވަރަށް ހެޔޮ ބައްޕައެއް ކަމަށެވެ. އިތުރު ބައްޕައަކު ބޭނުންވެސް ނުވާ ކަމަށެވެ.
މިވާހަކަ މިގޮތަށް ކިޔައިދިނުމުން ބައަކު އަހަރެން ކުށްވެރިވެސް ކޮށްފާނެއެވެ. އެކަމަށް އެއްވެސް މައްސަލައެއް ނެތެވެ. 10 އަހަރުފަހުން ނަމަވެސް އޭނާ ފެނުމުން އަހަރެންނަށްވެސް ފުން އަސަރުތަކެއް ކުރިއެވެ. މާޒީ ހަނދާންވިއެވެ. ނަމަވެސް އޭނާގެ އަނިޔާވެރިކަން ގަދަކަމުން ހިތަށް ގެނެސް ނަފްސް ކޮންޓްރޯލް ކުރީއެވެ. ހުރިހާ އަންހެނުންވެސް މިކަމުގައި ހިތްވަރު ލިބިގަންނަން އެބަ ޖެހެއެވެ. ހިތް ކިތަންމެ ބާރަށް ތެޅުނު ނަމަވެސް ކަރުނައިން ލޯފުރުނު ނަމަވެސް އަނިޔާވެރި ފިރިންގެ ކުރިމަތީގައި އެކަން ފޮރުވުމުގެ ހިތްވަރާއި ޤާބިލުކަން ލިބިގަންނަން އެބަޖެހެއެވެ.
މިބުނި ފަދައިން އަންހެނުން އަމިއްލައަށް ހިތްވަރު ލިބިގަނެގެން ނޫނީ އަންހެނުންނަށް ސަލާމަތްކަމެއްވެސް ކުރިއެރުމެއްވެސ ނުލިބޭނެއެވެ.
- މަރްޔަމް ޢަބްދިﷲ/ ލަންޑަން
ޢިބްރަތްތެރި ވާހަކަ: ދަރިފުޅަށް ލޯބިނުދީ، އަޅާނުލައި ނުވެސް ފެނި ހުއްޓާ ދަރިފުޅު ބޮޑުވުމުން ލޯބިވާކަމަށް ހެދުނީމާ އެކަން ދަރިފުޅު ބަލައި ނުގަތީމާ ކުށްވެރިވާނީ މަންމަތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ