މިދިޔަ 5 އަހަރު އެމްޑީޕީގައި ހުންނެވި ޒަރީރު ވިދާޅުވީ އެ ސަރުކާރަށް އެއްވެސް ކަމެއް ހައްލުނުވި ކަމަށް
މީގެ ކުރިން ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް މި ގައުމުގައި ހުރި އެއްވެސް މައްސަލައަކަށް ހައްލެއް ހޯދައިނުދެވުނު ކަމަށް، މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ އެކު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ޒަރީރު ވަނީ މަތިވެރި ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ އޭރު ހުންނެވީ އޭރު އޮތް އެމްޑީޕީގެ ސަރުކާރާ އެކުގައެވެ. އެކަމަކު، 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައި އޮއްވާ، އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން އޭނާ ވަނީ ކުއްލި ގޮތަކަށް ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއަށް ފަހު، އޭނާ ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ދޭތެރެއަކުން ފާޑުވިދާޅުވަމުންނެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި އޮތް 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓަށް ތަޅުމުގައި ބަހުސްކުރައްވަމުން ޒަރީރު ވަނީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ދަށުން އެތައް ވެރިކަމެއް ކުރިއިރު، ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދެވުނުތޯ ސުވާލު އުފައްދަވާފައެވެ. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: އޭނާ ވިދާޅުވީ ކުރީ ސަރުކާރުތަކަށް ކަމެއް ނުކުރެވުނު ކަމަށް --- ފޮޓޯ/ މަޖިލިސް "މި ގައުމުގައި ކޮން މައްސަލައަކަށްތޯ ހައްލު އައިސްފައި އޮތީ؟ އިޖުތިމާއީ މައްސަލައަކަށް ހައްލެއް ނައި. އިގުތިސާދީ މައްސަލައަކަށް ހައްލެއް ނައި. ސިއްހީ ނިޒާމު ވެސް އޮތީ އެ ގޮތަށް،" އޭނާ ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ، ގިނަ ފަހަރަށް ސަރުކާރުތަކަށް ރައްޔިތުން ސުޕަ މެޖޯރިޓީ ނުވަތަ މެޖޯރިޓީ ދޭ ކަމަށެވެ. އެހެންވެ، އެއްވެސް ހުރަހެއް ނެތި ވެރިކަން ކުރެއްވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީގެ ސުޕަ މެޖޯރިޓީގައި ވެސް ހިމެނުނު ޒަރީރު ވިދާޅުވީ، އެއްވެސް ރައީސަކަށް އެއްވެސް މައްސަލައެއް ހައްލުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންވެ، މި ސަރުކާރަށް އަދި ފާޑުކިޔުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ގިނަ ފަހަރަށް ވެރިކަމަށް އަންނަ ބަޔަކަށް ސުޕަ މެޖޯރިޓީ ނުވަތަ މެޖޯރިޓީ އޮތީ ލިބިފައި. އެ ބަޔަކު ބޭނުންގޮތަކަށް ގާނޫނުތަކާއި ގާނޫނުއަސާސީއާއި ބަދަލު ގެނެސްގެން އެބަކުރޭ. އެހެންވީއިރު ކީއްވެތޯއޭ ހަތަރު ޓާމް ނިމުނުއިރު، 17 އަހަރު ވީއިރު ވެރިކަން ކުރި އެއްވެސް ބޭފުޅަކަށް މިއިން އެންމެ އެއްވެސް މައްސަލައެއް ހައްލުނުވީ. އެއް ކަމެއް ވެސް ހައްލެއް ނުވި،" ޒަރީރު ފާޑުވިދާޅުވިއެވެ. https://sun.mv/186680 އޭނާ ވަނީ މި ސަރުކާރުން ނަތީޖާ ނެރޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިހާރު ވެސް 1،800 މަޝްރޫއު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ބޭނުމުގައި ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލަންވާނީ ވަކި ވަރަކަށް ކަމަށް ޒަރީރު ވިދާޅުވިއެވެ. "ހަމަ އިދިކޮޅު ފަރާތްތަކުން މިއަދު އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިިޔަމުންދާއިރު، ކޮބައިތޯ ތިމާމެންގެ ވެރިކަމުގައި ތިމާމެންނަށް އިންކަމެއް ޖެނެރޭޓްކުރެވޭނެ ކޮން ސޯސްއެއްތޯ މި ގައުމުގައި އޮތީ؟ ކޮން ކަމެއްތޯ ކުރެވުނީ؟" އިދިކޮޅު ފަރާތްތަކަށް އޭނާ ފާޑުވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޒަރީރަކީ ރިޔާސީ އިންތިޚާބު ވެސް ނިމުނު ފަހުން، އެއް ފަހަރާ ކުއްލިއަކަށް ޕީއެންސީއަށް ސޮއިކުރި 13 މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ