އިންސާނާގެ ލޮލުގައިވާ ކުދިކުދި ލޭނާރުތަކުން ގަތާލެވިފައިވާ ވިއުގައިން، އެމީހާގެ ހިތުގެ މައްސަލަ ހުރި މިންވަރާއި އެމީހާގެ ހަށިގަނޑު މުސްކުޅިވަމުން ދަނީ ކިހާ ހަލުވިމިނެއްގައިކަން ދެނެގަނެވިދާނެ ފަދަ އިޝާރާތެއް ދީފާނެ ކަމަށް ސައެންސްވެރިން ބުނެފިއެވެ.
މެކްމާސްޓާ ޔުނިވަސިޓީ އާއި ޕޮޕިއުލޭޝަން ހެލްތު ރިސާޗް އިންސްޓިޓިއުޓުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުން އިންސާނާގެ ލޮލުގައި ކުދިކުދި ލޭނާރުތަކުގެ ވިއުގަ ގަތާލެވިފައިވާ ގޮތަކީ، އެމީހާގެ ބަޔޮލޮޖިކަލް އުމުރާއި އޭނާގެ ހިތުގެ ދުޅަހެޔޮކަން ދައްކައިދޭ ލޯގަނޑެއް ކަމުގައި ސައެންސްވެރިންނަށް ފާހަގަކުރެވެއެވެ. އެހެންކަމުން، އެމީހެއްގެ ކިބައިން ހިތުގެ ބައްޔެއްގެ އަލާމާތެއް ނުވަތަ މުސްކުޅިވުމުގެ އަލާމާތެއް ފައުޅުވުމުގެ ކުރިން ވެސް، އެމީހެއްގެ ލޮލުގެ ރެޓީނާގެ ސްކޭންތައް ދިރާސާކޮށްގެން، އެމީހެއްގެ ހިތުގެ ދުޅަހެޔޮކަން ހުރި މިންވަރު ދުރާލައި ދެނެގަނެވިދާނެއެވެ.
ސައެންސް އެޑްވާންސަސް ކިޔާ ޖާނަލްގައި، އޮކްޓޫބަރު 2025 ގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ލޮލުގެ ރެޓީނާ ސްކޭން ކުރުމުގެ ޓެކްނޮލޮޖީ އިތުރަށް ތަރައްގީކޮށް އެ ސްކޭންތައް މިހާރަށް ވުރެ ރަނގަޅަށް ދިރާސާކޮށް ބަލައިގެން، ހިތުގެ ބަލިތައް ޖެހުމުގެ ކުރިން އެފަދަ ބައްޔެއް ކުރިމަތިވަމުން އަންނަކަން ދެނެގަނެވިދާނެއެވެ. އެހެން ވެއްޖެ ނަމަ، ހިތުގެ ބަލިތަކުގައި ފުރާނައަށް ނުރައްކާވާ މިންވަރަށް އެމީހެއްގެ ހާލަތު ދިޔުމުގެ ކުރިން، އެބަލިން ސަލާމަތްވުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑުވާނެއެވެ.
ލޮލޮގެ ރެޓީނާގެ ސްކޭންތަކުން ދައްކާ ކަންކަމާއި އެމީހެއްގެ ޖެނެޓިކް ހަގީގަތްތަކާއި އެމީހެއްގެ ލޭގައި އެކުލެވޭ ބަޔޮލޮޖިކަލް ފާހަގަތައް ގުޅުވައިލުމުން، އެމީހެއްގެ އުމުރުގެ ސަބަބުން އެމީހެއްގެ ނާރުތަކުގެ ނިޒާމަށް އަސަރުކުރާ ގޮތް، މޮލޮކިއުލްތަކުގެ އެހީގައި ދެނެގަނެވޭނެ މަގެއް ހޯދިދާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. އިންސާނާގެ ލޮލަކީ އޭނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ނިޒާމަށް ވާސިލުވުމަށް މަގުފަހިކޮށްދޭ އަދި އެ ނިޒާމުގެ ހަގީގީ ސޫރަ ދައްކައިދޭ ގުނަވަނެކެވެ.
އެ ގޮތުން ލޮލުގެ ރެޓީނާގައި ހުންނަ ކުދިކުދި ލޭނާރުތައް ގެތިފައިވާ ގޮތަށް އަންނަ ބަދަލުތަކަކީ، މުޅި ހަށިގަނޑުގެ ލޭ ދައުރުކުރާ ނިޒާމު ހިނގާ ގޮތް ދެނެގަނެވިދާނެ ކަމެއް ކަމަށް ދިރާސާގެ ބައިވެރިން ގަބޫލުކުރެއެވެ. ސައެންސްވެރިން މި ދިރާސާ ހަދާފައިވަނީ، 74000 އަށް ވުރެ ގިނަ މީހުންގެ ލޮލުގެ ރެޓީނާގެ ފޮޓޯތަކާއި އެމީހުންގެ ޖެނެޓިކް ޕްރޮފައިލްތަކާއި ލޭގެ ސާމްޕަލްތައް ތަހުލީލުކޮށް އޭގެ ނަތީޖާތައް ދިރާސާކޮށްގެންނެވެ.
މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ލޮލުގެ ރެޓީނާގައި ލޭ ނާރުތައް ކަފިކަފިވެފައި ހުންނަ މިންވަރު މަދު މީހުންނަކީ، އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހިތުގެ ނުރައްކާތެރި ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. އަދި ހަމަ އެ މީހުންނަކީ، އެމީހުންގެ ހަށިގަނޑު މުސްކުޅިވުމުގެ އަލާމާތްތައް މާ ހަގު އުމުރުގައި ވެސް ފެންނަން ފަށާ މީހުންނެވެ. އެހެންކަމުން އެފަދަ މީހުންނަކީ އުމުރު ކުރު ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިހާރުގެ ޓެކްނޮލޮޖީ ހުރި ހިސާބަށް ބަލާއިރު، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ޑެމެންޝިޔާ ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ބަލީގެ ހާލަތު ދެނެގަނެވެނީ ވަރަށް އޮޅުންބޮޅުން ގިނަ ޓެސްޓުތަކެއް ހަދައިގެންނެވެ. އެހެންކަމުން، ދިރާސާކުރާ ސައެންސްވެރިން ދެކެނީ، އިންސާނާގެ ލޮލުގެ ރެޓީނާގެ ސްކޭން ތަރައްގީކޮށްގެން، އެފަދަ ނުރައްކާތެރި ބަލިތައް ދުރާލައި ދެނެގަނެވޭނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ.
މީހާ މުސްކުޅިވަމުންދާ ވަރު، އޭނާގެ ލޮލުން ބުނެދީފާނެ މީހާ މުސްކުޅިވަމުންދާ ވަރު، އޭނާގެ ލޮލުން ބުނެދީފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ