ލަންޑަން (ނޮވެމްބަރު 19) - އާސެނަލަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް އަށް އަނިޔާވެ، މަދުވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ގަބްރިއެލް، 27، ގެ އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން، ސެނެގާލް އަތުން ބްރެޒިލް މޮޅުވި މެޗުގެ 64 ވަނަ މިނިޓްގައި ބަދަލުކުރަން ޖެހުނެވެ. ބްރެޒިލުން މި އިންޓަނޭޝަނަލް ބްރޭކުގައި ކުޅުނު ދެ ވަނަ މެޗުގައި ގަބްރިއެލް ބޭނުންނުކޮށް، އާސެނަލްގެ މެޑިކަލް ޓީމުގެ ލަފާގެ މަތިން އަނިޔާގެ ތަފްސީލް ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހެދި އެވެ.
އެ ގޮތުން، ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން، ގަބްރިއެލް މަދުވެގެން، ހަތަރު ހަފްތާ (އެއް މަސް) ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެެވެ. އަދި، ރިޕޯޓްތައް ބުނާގޮތުން، އެ އަނިޔާގެ ކަންކަން ދިގުލައިގޮސް، ގަބްރިއެލް އަށް އިތުރު ދެ ހަފްތާ ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. މާނަ އަކީ، މި އަހަރުގެ ބާކީ ބައިގައި އޮތް އެއްވެސް މެޗެއްގައި ގަބްރިއެލް އަށް ކުޅެވުމުގެ ފުރުސަތު ކުޑަވުމެެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން މި ސީޒަން ފެށިގެން މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުމުގައި ގަބްރިއެލްގެ ހިއްސާ ބޮޑެވެ. އެހެންވެ، އޭނާ އަށް އަނިޔާވެ، މުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހުމަކީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ އަށް ކުރިމަތިވާނެ ބޮލުގެ ރިހުމަކަށެވެ.
އާސެނަލުން މި ހަފްތާގައި ލީގުގައި ނުކުންނާނީ ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. އެންމެ ފަހުން އާސެނަލުން ޓޮޓެންހަމް ކައިރިން ނަތީޖާ ނެރުނު މެޗުތަކުގައި، ގަބްރިއެލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފްރާންސްގެ ލިލް ދޫކޮށް ގަބްރިއެލް، އާސެނަލަށް ސޮއިކުރީ 2020 ވަނަ އަހަރު އެވެ. މި އަހަރުގެ އޭޕްރީލް މަހު، ގަބްރިއެލްގެ ފަލަމަސްގަނޑަށް އަނިޔާވެގެން އޮޕަރޭޝަނެއް ކުރަން ޖެހި، ސީޒަނުގެ ފަހު ބައިގައި އޭނާ ނުކުޅެ އެވެ.
އާސެނަލްގެ ގަބްރިއެލް މަދުވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް އާސެނަލްގެ ގަބްރިއެލް މަދުވެގެން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ