ހިނދު ބިންތު ޢަވްފު ބިން ޒުހައިރު- އެންމެ ރަނގަޅު ދަނބިދަރިންތަކެއް ލިބިވަޑައިގެންނެވި އަންހެން ކަމަނާގެ 2 ދަރިކަނބަލުންނާ ރަސޫލް ޞޢޥ ކައިވެނިފުޅު ބައްލަވައިގެންނެވި!

ޢަލީ އިޙްސާން ފިރާޤް
 
އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޒަމާނުގައި އުޅުއްވި ބޭކަނބަލެކެވެ. އެކަމަނާވަނީ ތިން ފަހަރަށްވުރެ ގިނަ ފަހަރު ކައިވެނިފުޅު ކުރައްވައިފައެވެ. ނުހަނު ބުރުސޫރަ ރިވެތި، އަޚްލާޤު ރަނގަޅު ދަރިކަނބަލުންތަކެއް ތަރުބިއްޔަތު ކުރައްވައިފައެވެ. އެކަމަނާގެ ހުރިހާ ދަރިކަނބަލުންތަކެއް ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ ބޮޑެތި ބޮޑެތި އަޝްރާފުންނާއެވެ. އެހެން ކަމުން އެކަމަނާގެ ނަންފުޅު ތާރީޚުގައި ފާހަގަކޮށްފައިވަނީ އެންމެ ރަނގަޅު ދަނބިދަރިންތަކެއް ލިބިވަޑައިގެންނެވި އަންހެން ބޭފުޅާގެ ގޮތުގައެވެ. 
އާދެ! މި ފަޚުރާއި ޝަރަފު ހާސިލުކުރެއްވި އަންހެން ސާހިބަކީ ހިނދު ބިންތު ޢަވްފު ބިން ޒުހައިރު އެވެ. 
އެންމެ ފުރަތަމަ އަވަސް ކަޅިއެއް މި ހިންގައިލަނީ ޣައިރު މުސްލިމުންގެ ގޮތުގައި ތިބި އެކަމަނާގެ ދަނބިދަރިކަލުންތަކަށެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ފަރާތަކީ ވަލީދު ބުނު މުޣީރަތުއެވެ. އޭނާ ކާވެނި ބެއްލެވީ ހިންދުގެ ދަރިކަނބަލެއްކަމުގައިވާ ލުބާބަތު އައްސުޣުރާ އާއެވެ. މުސްލިމުން ތާއަބަދުމެ ފަޚުރުވެރިވާ އަސްކަރީ ކޮމާންޑަރު ޚާލިދު ބުނު ވަލީދު ލިބިވަޑައިގެންނެވީ މި ކާވެނިފުޅުންނެވެ. މީގެ އިތުރަށް އުބައްޔު ބުނު ޚަލަފު ހިންދުގެ ދަރިކަނބަލުން އަސްމާ އާ ކާވެނި ބެއްލެވިއެވެ. އަދި ޒިޔާދު ބުނު ޢަބްދުﷲ ބުނު މާލިކު އެކަމަނާގެ ދަރިކަނބަލެއްކަމުގައިވާ ޢައްޒާ ބިންތު އަލްޙާރިޘް އާ ކާވެނި ބެއްލެވިއެވެ. 
ދެން މި ބަލައިލަނީ ހިންދު ބިންތު ޢަވްފުގެ ދަނބިދަރިކަލުންނަށް ވެވަޑައިގެންނެވި އެންމެ ފަޚުރުވެރި ޖަމާއަތަށެވެ. އާދެ މުސްލިމުންގެ ތެރެއިން އެކަމަނާގެ ދަނބިދަރީންނަށް ވެވަޑައިގެންނެވި ބޭކަލުންނަށެވެ. އެގޮތުން އެކަމަނާގެ ދަރިކަނބަލުން ލުބާބަތު އަލްކުބުރާ އާ ކާވެނި ބެއްލެވީ މާތް ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ އުއްމުލް ފަޟުލުގެ ނަންފުޅުންނެވެ. އެކަމަނާއަކީ ޚަދީޖަތުގެފާނަށްފަހު ދެވަނައަށް އިސްލާމްވެވަޑައިގެންނެވި އަންހެން ބޭފުޅާއެވެ. އަދި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އެހެން ބޮޑުބޭބޭފުޅެއް ކަމުގައިވާ ހަމްޒަތުގެފާނުވެސް ހިންދުގެ ބޭފުޅަކާ ކާވެނި ބެއްލެވިއެވެ. އެއީ ސަލްމާ ބިންތު ޢުމައިސްއެވެ. 
ހިންދުގެ ބޭފުޅެއްކަމުގައިވާ އަސްމާ ބިންތު ޢުމައިސްއަކީ މުސްލިމުންގެ ދެ ޚަލީފާއަކާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވި ބޭކަނބަލެކެވެ. އަސްމާއާ އެންމެ ފުރަތަމަ ކާވެނިފުޅު ބެއްލެވީ، ޖަޢުފަރު ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއެވެ. މުޢުތާ ހަނގުރާމައިގައި ޖަޢުފަރުގެފާނު ޝަހީދުވުމުން އެކަމަނާއާ ކާވެނި ބައްލަވައިގެންނެވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނެވެ. އަބޫބަކުރުގެފާނު އަވަހާރަވުމުން ދެން އަސްމާއާ ކާވެނި ބައްލަވައިގެންނެވީ ހަތަރުވަނަ ޚަލީފާ ޢަލީގެފާނެވެ.
ހިންދު ބިންތު ޢަވްފުގެ ދެ ދަރިނބަލަކަށް [އުއްމުލް މުއުމިނީން] ގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، މި އުއްމަތުގެ މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ވެސް ހިންދުގެ ދަނބިދަރިކަލަކަށް ދެ ފަހަރު ވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަނބަލުން ޒައިނަބު ބިންތު ޚުޒައިމާއާ އެންމެ ފުރަތަމަ ކާވެނި ބެއްލެވީ ޢުބައިދާ ބުނު ޙާރިޘް ބިން ޢަބްދުލް މުއްޠަލިބު އެވެ. އެކަލޭގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދެބެއިންގެ ދެދަރި ބޭކަލެކެވެ. އެކަލޭގެފާނު ބަދުރު ހަނގުރާމައިގައި ޝަހީދުވުމުން މާތް ރަސޫލާ ޒައިނަބުގެފާނާ ކާވެނި ބައްލަވައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިތާ ނުހަނު ކުޑަ ދުވަސްކޮޅެއްގައި އެކަމަނާ އަވަހާރަވެއްޖެއެވެ. 
ހިންދު ބިންތު ޢަވްފުގެ ދަރިކަނބަލެއްކަމުގައިވާ ބައްރާއާ  ކާވެނި ބެއްލެވި އެއްބޭކަލަކީ އަބޫރުހުމް ބިން ޢަބްދުލް ޢުއްޒާއާއެވެ. އަބޫރުހުމް ނިޔާވެ، ބައްރާ ހުވަފަތްވެވަޑައިގެންނެވުމުން އެކަމަނާއާ ދެން ކާވެނި ބެއްލެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެވެ. (މާތް ރަސޫލާ އެކަމަނާއާ ކާވެނި ބެއްލެވުމަށްފަހު އެކަމަނާގެ ނަންފުޅު [މައިމޫނާ] އަށް ބަދަލު ކުރެއްވިއެވެ. އިސްލާމީ ތާރީޚުގައި މަޝްހޫރު އުއްމުލް މުއުމިނީން މައިމޫނަތުގެފާނަކީ މިއީއެވެ.) 
މަސްދަރު:
https://www.arabnews.com
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ