ނަގަންޖެހޭ ލައިސަންސެއް ނުނަގައި ފަތުރުވެރިންނަށް ހިދުމަތް ދީފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވިދާނެ ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހް ތަސްދީގުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވާފައިވާއިރު، މިފަހުން މަޖިލީހުގެ ތެރެއިން ވަނީ މުހިންމު އިސްލާހްތަކެއް ގެނެސްފައެވެ.
އޭގެ ތެރެއިން ގެނައި އެއް އިސްލާހަކީ، ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، ކަނޑައެޅިފައިވާ ޖޫރިމަނާއެވެ. އެގޮތުން ލައިސަންސް ނަގައިގެން ދޭންޖެހޭ ހިދުމަތެއް އުސޫލާ ހިލާފަށް ދީފިނަމަ، ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް އެއްމިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މިހާރު ދެން ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓޫރިޒަމް ޤާނޫނުގެ ދަށުން ދޫކުރާ ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ. މިއީ މީގެ ކުރިން ޤާނޫނުގައި ކަނޑައަޅާފައިވާކަމެއް ނޫނެވެ. ބަޔާންކޮށްފައިވާ ލައިސެންސް ދޫކުރެވޭނީ، ޓޫރިޒަމް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޝަރުޠުތައް ފުރިހަމަވާ ވިޔަފާރި ތަންތަނަށެވެ.
ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް މީގެ ފަހުން ދެވޭނީ، ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހުގައެވެ. އަދި ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސެއްގެ ދަށުން ބޭރުގެ ފަރާތްތަކުން ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭންވާނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ދިވެހި ޓުއަރ އޮޕަރޭޓަރަކާ ގުޅިގެން، އެފަދަ ފަރާތެއް މެދުވެރިކޮށްކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ނަގަންޖެހޭ ލައިސަންސެއް ނުނަގައި ފަތުރުވެރިންނަށް ހިދުމަތް ދީފިނަމަ މިލިއަން ރުފިޔާއިން ޖޫރިމަނާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ