މުހައްމާގެ ހާލު މިހާރު ރަނގަޅު

ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މުޙައްމަދު ޢަބްދުالله (މުހައްމާ)ގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ގާތް މީހަކު މިރޭ ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހި، އައިޖީއެމްއެޗުގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓުގައި މުހައްމާއަށް ވަނީ ފަރުވާދީފައެވެ. މުހައްމާގެ ގާތް މީހަކު 'ސަން'އަށް މިރޭ ބުނީ، މުހައްމާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. "މިހާރު އޮތީ ހޮޅިކޮޅު ލައްވައިފަ، ހާލު ރަނގަޅު،" އޭނާ ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމާ އެންމެ ފަހުން ހުންނެވީ މިދިޔަ ސެޕްޓެމްބަރު މަހު އުވާލި ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ. ޖުމްހޫރީ ޕާޓީން ސިޔާސީ ދާއިރާއަށް ނުކުންނެވި މުހައްމާ ޕީޕީއެމްގެ އިތުރުން އެމްޑީޕީގައިވެސް އުޅުއްވިއެވެ. މިހާރު އޭނާ އުޅުއްވަނީ މިހާރު ވެރިކަން ކުރައްވާ ޕީއެންސީގައެވެ. ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ މުހައްމާ ވަނީ އެކި ކުރު ފިލްމުތަކާއި ބައެއް ޑްރާމާތައް ކުޅުއްވައި، ގިނަ ފިލްމުތައް ޕްރޮޑިއުސްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ