ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ދޭނެ ކަމަށް ބުނެ ފެނަކައިގެ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވޭ!
ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ދޭނެ ކަމަށް ބުނެ، ފެނަކައިގެ ނަމުގައި ހިންގާ "ފިޝިން" ސްކޭމްތަކަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ. ފުލުހުން 'ފޭސްބުކް'ގައި ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓެއްގައި ވަނީ 30،000 ރުފިޔާ ލިބޭނެ ކަމަށް ބުނެ، ފެނަކައާއި އެހެނިހެން ކުންފުނީގެ ނަންނަމުގައި ސްކޭމަރުން ފޭކު ވެބްސައިޓުތައް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ "ސާވޭތައް" ރައްޓެހިންނާ ހިއްސާކުރުމަށާއި، އާންމު މައުލޫމާތާއި ބޭންކު އެކައުންޓުގެ މައުލޫމާތު ދިނުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ވަނުމަށް ސްކޭމަރުން އެދެމުން ދާނެކަން ފުލުހުން ފާހަގަކުރިއެވެ. އެހެންކަމުން ފުލުހުން ވަނީ ވެބްސައިޓަކަށް ވަނުމުގެ ކުރިން ޑޮމެއިން ޗެކްކުރުމަށާއި، ޝައްކުކުރެވޭ ލިންކުތައް ފުލުހުންގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އެފަދަ އެއްވެސް ލިންކެއް އާންމު ސޯޝަލް މީޑިއާގައި ހިއްސާނުކުރަން އެދިފައެވެ. ފުލުހުން ފާހަގަކުރި ގޮތުގައި އެއްވެސް ކުންފުންޏަކުން ލިންކުތައް މެދުވެރިކޮށް "ބޮޑެތި ހަދިޔާތައް" ނުދޭނެއެވެ. މިކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ޚިދުމަތްތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޭޖުތައް ހިންގަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ އެއްވެސް ޕޭޖެއް ނުހިންގާ ކަމަށް ބުނެ، ފެނަކައިން ބުނީ އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެ ކުންފުނީގެ ރަސްމީ އެކައުންޓުތަކުން ކަމަށެވެ. ފެނަކައިން ވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ އެފަދަ ކަންކަމަށް އާންމުން ސަމާލުވުމަށާއި، އެފަދަ ލިންކުތަކާއި ކޯލުތައް އައިސްފިނަމަ ކަމާބެހޭ ފަރާތްތަކަށް އަންގަން އެދިފައެވެ. ފުލުހުން މިހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ސްކޭމްގެ އެކި މައްސަލަތަކުގައި މިދިޔަ މަހު ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ. އަދި ގެއްލުނު އަދަދުގެ ތެރެއިން 387،971 ރުފިޔާ މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުންގެ އެ ތަފާސްހިސާބުތަކުގައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އާންމުކޮށް ސްކޭމް ކޮށްފައިވަނީ އީ-ކޮމާސް، ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައެވެ. އެގޮތުން މިދިޔަ މަހު އޮންލައިން ވިޔަފާރީގެ ނަމުގައި ސްކޭމްގެ 80 މައްސަލައެއް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ލިބިފައިވެއެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ލިންކުތައް މެދުވެރިކޮށް ސްކޭމް ކުރުމުގެ 12 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ