އާޒިމާ، ޖަމީލަށް: މިހާތަނަށް ވެސް މައްސަލަ ކޯޓުގައި އޮތުމުން، ރައީސް ނުފޫޒު ނުފޯރުވާކަން ހާމަވޭ

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް ތުހުމަތުވާ މޭރުމަކުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވާހަކަދެއްކެވުމުން، އާޒިމާ މިރޭ ރައްދު ދެއްވައިފިއެވެ. ފެބްރުއަރީ 17، 2019 ގައި ދައުލަތުން އާޒިމާއާ ދެކޮޅަށް ކުރީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި މަނީ ލޯންޑާ ކުރުމުގެ ދައުވާގެ މައްސަލައާ ގުޅުވައިފައެވެ. އެކަމަކު، އިއްޔެ ޕީޖީން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޔާމީންގެ ވަކީލު ޖަމީލް ވިދާޅުވީ، ގާނޫނު ހިންގުމުގައި ވަކި މީހަކަށް ތަފާތު ގޮތެއް ނަހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ. ނަމަވެސް، ރައީސްގެ މަސައްކަތަކީ "ވަކި ބަޔަކު ދޮވެ ސާފުކޮށް ދިނުންކަން" މިހާރު ހާމަވާ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ. އެ ތުހުމަތަށް ރައްދު ދެއްވައި ޖަމީލަށް ލިޔުއްވި ސިޓީއެއްގައި އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހި ކުރުމުގެ ދަޢުވާކޮށްފައިވަނީ ޔާމީނަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށްވާއިރު، ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ޖަމީލް ވަކާލާތު ކުރައްވާ ކަމަށެވެ. https://sun.mv/214413 "ވަރަށް އިޙުތިރާމާއެކު ދަންނަވަމެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާކަމަށް ޝައްކުކުރެވޭ ފައިސާއެއް ވަންކަމަށް މީޑިޔާގައި ރިޕޯޓުކުރުމުން އެ ފައިސާ ދައުލަތާ ޙަވާލުކުރެއްވުމަށް ހަމަ އެ ދަވަހު އެ މަނިކުފާނަށް އަޅުގަނޑު ލަފާދީނީމެވެ." ރައީސް އޮފީހުގެ މިނިސްޓާ ފޯ ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އާޒިމާ ލިޔުއްވާފައިވެއެވެ. އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ، ދައުލަތުގެ ފައިސާ ކަމުގައި ޝައްކުކުރެވޭ ފައިސާއެއް، އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ލަފާ ދެއްވި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، ފައިސާގެ ދާއިރާއާއި ގާނޫނީ ދާއިރާގެ އެއްވެސް މިންވަރެއްގެ ޢިލްމެއް ހުރި މީހަކު ނަމަ، އެސްކްރޯ އެކައުންޓަކީ ވަކި ޝަރުޠުތަކެއްގެ މަތިން ފައިސާ ބަހައްޓާ އެކައުންޓެއްކަން އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވީ އޭނާ ލަފާ ދެއްވީ، ފައިސާގެ މިލްކުވެރިކަމާބެހޭ ގޮތުން ދައުލަތުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ގޮތެއް ނިމިގެން ނޫނީ ފައިސާ ދޫނުކުރެވޭނޭ ގޮތަށް ކަންކުރުމަށް ކަމަށެވެ. އަދި އޭނާގެ ލަފާގެ އެއްކޮޅުގައި ހުންނެވީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށާއި އަނެއްކޮޅުގައި އޮތީ ދައުލަތުގެ ގާނޫނީ އޮނިގަނޑާއި ހިމާޔަތްކުރަންޖެހޭ ދައުލަތުގެ މުދާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ އަދާކުރެއްވީ ގާނޫނީ ޒިންމާއެވެ. މިއީ މަނިކުފާނަށް އެހާ ފަރިތަ މަފްޙޫމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، މަނިކުފާނު ރާއްޖޭގެ ހުރިހާ ކޯޓެއްގައި މަޢުޞޫމްކަމަށް ވަކާލާތުކުރައްވާ ބޭފުޅާ މަޢުޞޫމް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާއިރު، އެ މަނިކުފާނުގެ އަތްޕުޅުގައި ހުރި، (ދައުލަތުގެ ފައިސާކަމަށް ޝައްކުކުރެވޭ) ފައިސާ ދައުލަތުގެ ޙަވާލަށް ގެންދަން މަސައްކަތްކުރި މީހާއަކީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަތުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނީ މައްސަލަތަކުގައި ވެސް މަނިކުފާނުގެ ވިސްނުންފުޅު އެކިދުވަހު އެކިގޮތަށް ހުންނަކަން ފާޅުކަން ބޮޑު ގޮތެއްގައި ދަލާލާތު ކޮށްދޭ ކަމެކެވެ.ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރު އާޒިމާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގެ އެންމެ ފައިސާ ފޮއްޗެއް ވެސް އޭނާގެ އެކައުންޓަކަށް ވަދެފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ބާރުގަދަ އެތައް މަގާމެއްގައި ހުންނެވިއިރު ވެސް ދައުލަތުގެ ފައިސާއެއްގައި އޭނާ ޖެހިފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ނައިބު ރައީސަކަށް ހުންނެވި ޖަމީލާ ޚިލާފަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތްތައް ހިނގިއިރު، އާޒިމާ ހުންނެވީ ދައުލަތުގެ އެންމެ އިސް ދެ މަގާމުންކުރެ މަގާމެއްގައި ނުވަތަ ސަރުކާރުގެ ވެސް މަގާމެއްގައި ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔާމީންގެ ސަރުކާރުގައި މަގާމަކާ ހަވާލުވީ އޭގެ ފަހުންކަން އޭނާ ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް ޔާމީނާއި ޖަމީލް: އާޒިމާއާ ގުޅުވައި ޖަމީލް ކުރެއްވި ތުހުމަތުތަކަކަށް އާޒިމާ ވަނީ ރައްދު ދެއްވައިފައި --- ސަން ފޮޓޯ/ މޫސާ ނަދީމް "އެހެންކަމުން އަމިއްލަފުޅަށް ޒިންމާއަދާކުރަން ޖެހުނު ވަގުތު ޒިންމާއިން ބަރީޢަވެވަޑައިގެންފައި، އެހެން މީހުންނާ ބެހޭގޮތުން، ތިޔަ ބީދައިން ވާހަކަދެއްކެވުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ތިޔަ ފެންވަރުގެ ބޭފުޅުންނަށް އައިބުކަމެކެވެ." އާޒިމާ ލިޔުއްވާފައިވެއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ޕްރިންސިޕަލް ނުވަތަ ފާއިލުގެ މައްޗަށް ދަޢުވާ ސާބިތުނުވާނަމަ، އެހީތެރިވި ކަމަށްބުނާ މީހާގެ މައްޗަށް ދަޢުވާއެއް ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް، ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރުމުން ވެސް، އެ މަނިކުފާނަށް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިންކަމަށް ބުނެ އާޒިމާގެ މައްޗަށް ބަލާ މައްސަލަ ހަތަރު އަހަރުވީއިރު ވެސް އަނބުރާ ނުގެންދާކަން ސިޓީގައި ލިޔެފައިވެއެވެ. "އެއީ ގާނޫނީ ހަމައެއް ނޫންކަން ގާނޫނު ދަންނަ މީހުންގެ އިތުރުން އެހެން މީހުންވެސް ދަނެއެވެ. އެހެންވީމާ މަނިކުފާނު ސިޔާސީގޮތުން ފިކުރާނުވާ ކަމެއް ވީމާ، އެކަން ގާނޫނީ ގޮތުން ގޯސްވާ ގޮތަކީ ކޮބައިތޯއެވެ؟" އާޒިމާ ވިދާޅުވިއެވެ. ހަމައެއާއެކު، ޕީޖީން މައްސަލަ ނެގީ ރައީސްގެ ނުފޫޒުން ކަމަށް ޖަމީލް ތުހުމަތު ކުރައްވާއިރު، އާޒިމާ ރައީސްގެ ޢާއިލާގެ ވަކީލަށްވީ މިއަދަކު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކީލަކަށްވެގެން މިހާތަނަށް ވީހާ ދުވަހު ވެސް އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމުގެ އިންތިޚާބުގައި ވާދަކުރިއިރުވެސް މައްސަލަ ކޯޓުގައި އޮތުމުން، އެ މައްސަލައަށް ރައީސް ނުފޫޒުނުފޯރުވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ކުރީ ގާނޫނީ ހަމައަކުން ކުރި ދައުވާއެއް ނޫން ކަމަށާއި އެކަން ހާމަވިތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ޖަމީލް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އާޒިމާގެ މައްސަލައިގައި އެ ހަމަ ނެތީތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެ ދައުވާގެ ސަބަބުން އެތަކެއް ގާނޫނީ ހައްގެއް ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގާއި، ބައިނަލްއަގުވާމީ މައިދާނުގައި ވަޒީފާ އަދާކުރުމުގެ ހައްގާއި ބައިނަލްއަގުވާމީ އެވޯޑެއް ލިބިގަތުމުގެ ހައްގު ވެސް ގެއްލުނު ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެންކަމުން، މިޙާލަތުގައި މަޢުޞޫމްކަން އަންގައިދީ މައްސަލައިން ބަރީޢަވުމުގެ ޙައްގަކީ މަނިކުފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑަށް ލިބިގެންވާ ހައްގަކަށް ނުވަނީތޯއެވެ؟ އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ކުށުގެ ތުހުމަތުން ބަރީޢަވުމުގެ ޙައްޤުތަކާއި ޚާއްޞަގޮތެއްގައި އެމާއްދާގެ (އ) ގައި އޮންނަ ކުށެއްކުރިކަން ސާބިތުކުރަންޖެހޭ މިންގަނޑުގެ ޙައްގަކީ ވަކި ބަޔަކަށް އެކަނި ލިބިގެންވާ ޙައްގަކީތޯއެވެ؟ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރު އާޒިމާ އިތުރަށް ވިދާޅުވީ، ޕީޖީން ޢާންމުކޮށް ހުޅުވާލި ފުރުސަތެއްގައި އޭނާގެ މައްސަލަ ރިވިއުކުރުމަށް ހުށަހެޅީ، އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ފުރުޞަތުގެ ތެރެއިން، ކުރީގައި ގޯސްކޮށް ކޮށްފައިވާ އެތަކެއް ދަޢުވާއެއް ޕީޖީން އަނބުރާ ގެންގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވީ، އޭނާއަކީ ޖަމީލް "ފަދައިން ހަމަ ކޮންމެ ކަމަކާ އެއްޗެތި ބުނެ، އަނގަތަޅާ މީހެއް ނޫން" ކަމަށެވެ. އެހެންނަމަވެސް، ޖަމީލާއި ރައީސާ ދެމެދު އޮތް މައްސަލައެއްގެ ތެރެއަށް، އާޒިމާގެ ވާހަކަ ޖަމީލް ގެންނެވުމުން ވާހަކަ ދައްކަވަން ނިންމެވީ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. ރައީސް މުއިއްޒުގެ އާއިލާގެ ވަކީލުގެ މަގާމުގައި ހުންނަވައިގެން، އެ މަނިކުފާނުގެ އަނބިކަނބަލުން ހުށަހެޅުއްވި މައްސަލަތަކުގައި އާޒިމާ ވަކާލާތުކުރައްވާފައިވެއެވެ. މީގެ އިތުރުން، އާޒިމާގެ ބޭބެ، އާތިފް ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އުފުލި ދައުވާ ވެސް މީގެ ކުރިން ޕީޖީން ބާތިލުކޮށްފައިވެއެވެ. އޭނާއަށް ދައުވާކުރީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުނުކުރާ ކަމަށް ބުނެއެވެ. އާތިފް ވެސް މިހާރު ހުންނެވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އެޑްވައިޒަރެއްގެ މަގާމުގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ދެ މައްސަލައިގައި ޔާމީނަށް ދައުވާކޮށް، ސާބިތުވެސްވިއެވެ. އޭގެ ތެރެއިން ގދ. ވޮޑަމުލާ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު، ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރަން ހުކުމްކުރިއެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 25ގައި، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފު ދިގުދެމިގެން ދިޔުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18ގައި ހައިކޯޓުން ވަނީ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ