އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދެމުންއައި އެހީ ބޮޑުކުރި ފަހުން, އައިނު ހެއްދުމަށް ކުރި ހޭދަ 47.4 މިލިޔަން ރުފިޔާއަށް އަރާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މިއަދު 'އެކްސް' ގައި ހާމަކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން އޮކްޓޫބަރި މަހުގެ ނިޔަލަށް އައިނު ހެއްދުމަށް ވަނީ 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. ތަފާސްހިސާބަށް ބަލާއިރު އައިނުހެއްދުމަށް އެންމެބޮޑު ހޭދައެއްކޮށްފައިވަނީ އަމިއްލަ ކްލިނިކްތަކަށެވެ. އެގޮތުން އައިނު ހައްދައިދޭ އަމިއްލަ ކްލިނިކްތަކުން ހިދުމަތްހޯދި 17،117 ފަރާތަކަށް ވަނީ 32،668،401.71 ރުފިޔާ ހަރަދުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތަކުން 7،382 ފަރާތެއްގެ އައިނު ހެއްދުމުގެ ކަންކަމަށް ވަނީ މުޅި ޖުމުލަ 14،764،000 ރުފިޔާ ހަރަދުކޮށްފައެވެ.
އައިނު ހެއްދުމަކީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭކަމަކަށް ވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ވެސް ފައްޓަވާފައެވެ. އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ، އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދޭން ފަށާފައެވެ. ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔަ 1000 ރުފިޔާގެ އެހީތެރިކަން މިހާރު ވަނީ 2000 ރުފިރާއަށް ބޮޑުކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ސަރުކާރުން ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.
އައިނު ހެއްދުމަށް އެހީގެ ގޮތުގައި 47 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ