ހޫޘީންގެ މިސައިލް ހަމަލާއަކާ ގުޅިގެން އިސްރާއީލުގެ މައި އެއާޕޯޓް ބަންދުކޮށްފި
ޓެލްއަވީވު (03 ސެޕްޓެމްބަރު 2025): ޔަމަންގެ ހޫޘީން އިސްރާއީލަށް ދިން މިސައިލް ހަމަލާއަކާ ގުޅިގެން އިސްރާއީލުގެ މައި އެއާޕޯޓް ކަމަށްވާ ބެންގޫރިޔަން އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން ހޫޘީން ފޮނުވާލި މިސައިލަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ހުރަސް އެޅިއެވެ. ނަމަވެސް އެ މިސައިލްގެ ބައިތައް ބެންގޫރިޔަން އެއާޕޯޓްގެ ކައިރީ ހިސާބުތަކަށް ވެއްޓުމާއެކު އެއާޕޯޓްވަނީ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީއެވެ. މިއާއެކު އިސްރާއީލަށް ދަތުރު ކުރަމުންދިޔަ ފްލައިޓްވެސް އެހެން ގައުމުތަކަށް ޑައިވާޓް ކޮށްފައިވާކަމަށް އިސްރާއީލުގެ މިޑީއާތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ހޫޘީން އިސްރާއީލުގެ ބެންގޫރިޔަން އެއާޕޯޓަށް ހަމަލާ ދިނީ ކްލަސްޓާ ބޮމުގެ ވޯހެޑް އެއް ހަރުކޮށްފައިވާ ހައިޕާ ސޮނިކް މިސައިލަކުންނެވެ. މިއީ މަތަކުރެވޭ މިސައިލެއް ނޫނެވެ. މީގެ ދެހަފްތާ ކުރިންވެސް ހޫޘީން ވަނީ ގިނަ ވޯހެޑްތަކެއް (ކްލަސްޓާ ވޯހެޑް) ހިމެނޭ ހައިޕާސޮނިކް މިސައިލަކުން އިސްރާއީލަށް ހަމަލާއެއް ދީފައެވެ. އެ ހަމަލާގެ ސަބަބުން އިސްރާއީލުގެ ބައެއް މީހުން ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހުރިހާ ވޯހެޑް ތަކަކަށް ހުރަސްއެޅުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައްވަނީ ނާކާމިޔާބުވެފައެވެ. ކްލަސްޓާ ވޯހެޑް ހިމެނޭ ގޮތަށް ހޫޘީން އުފައްދާ މިސައލްގެ އިމޭޖް އެއް. މިދިޔަ ހަފްތާގައި އިސްރާއީލުން ޔަމަނަށް ދިން ވައިގެ ހަމަލާތަކެއްގައި ޔަމަންގެ ހޫޘީ ސަރުކާރުގެ ބޮޑުވަޒީރާއި އިތުރު 5 ވަޒީރަކުވަނީ ޝަހީދުކޮށްލާފައެވެ. މިއީ އިސްރާއީލުގެ ހަމަލާއެއްގައި ހޫޘީންގެ ލީޑަރޝިޕްގައި ހިމެނޭ ބަޔަކު ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ. ހޫޘީން ވަނީ އިސްރާއީލުގެ މި ޓެރަރިސްޓް ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށިވެރިންނަށް ދީފައެވެ. މިގޮތުން ހޫޘީން އިއްޔެވަނީ ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ޕްރައިވެޓް ކުންފުންޏެއްގެ އާގު ބޯޓަކަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އެއަށްފަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށްވެސް ހޫޘީންވަނީ ޑްރޯން ތަކެއް ފޮނުވާލާފައެވެ. އިސްރާއީލު ބުނާގޮތުން ހޫޘީންގެ މިޑްރޯންތައް ވަނީ ވައްޓާލާފައެވެ. އެއަށްފަހު މިއަދު ހެނދުނު ހޫޘީން ވަނީ އިސްރާއީލުގެ މައި އެއާޕޯޓް ކަމަށްވާ ބެންގޫރިޔަން އެއާޕޯޓަށް ދުރުރާސްތާގެ ބަލިސްޓިލް މިސައިލުން ހަމަލާއެއް ދީފައެވެ. މި މިސައިލްގެ ބައިތައް ބެންގޫރިޔަން އެއާޕޯޓްގެ ވަށައިގެންވާ ސަރަހައްދަށް ވަނީ ވެއްޓިފައެވެ. ނަމަވެސް އެއާޕޯޓްގެ ޓާމިނަލްއާއި ރަންވޭއަށްވެސް ގެއްލުމެއް ނުލިބޭކަމަށް އިސްރާއީލު ބުނެއެވެ. ހޫޘީންގެ މީޑިއާ ބުނާގޮތުން މިއަށް ވުރެ ބާރުގަދަ އިތުރު ހަމަލާތައް އިސްރާއީލުގެ އެއާޕޯޓްތަކާއި ހައްސާސް މަރުކަޒުތަކަށް އެޖަމާއަތުން ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ