މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގައި ނަމަވެސް، ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވްކުރަން ކަމަށް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޕްރޮގްރާމެއްގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށް ކަމަށެވެ. އަދި 100 މީޓަރަށް ޑައިވްކުރުމަށް މި އަހަރު ތެރޭގައި ތަމްރީން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މި އަހަރު ތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައި ވަނީ. މި މަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ،" ސަލީމް ވިދާޅުވި އެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދާނީ އަވަށްޓެރި ގައުމުތަކުގެ އެހީއާ އެކު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިޓަލީގެ ފަސް ޑައިވަރުން ފޭބި ހޮހޮޅައަކީ ކަނޑުގެ 60 މީޓަރު އަޑި ކަމަށް ވާއިރު، ހޮހޮޅައިގެ ދިގު މިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކަމަށް ވެސް ސިފައިން ކުރިން ބުންޏެވެ.
"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ،" އެމްއެންޑީއެފުން ބުންޏެވެ.
ކޯސްޓުގާޑް ޑައިވަރުންނަށް ފޭބެނީ 50 މީޓަރަށް، ހޮހޮޅަ ހުރީ އެއަށްވުރެ ފުނުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ