ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބީއެމްއެލް އިން ޚާއްސަ ހޯމް ފައިނޭންސިންގއެއް ތަޢާރަފުކޮށްފި

ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
މިއީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ބިނާކުރުމަށް ނުވަތަ ގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ފުރުސަތެކެވެ.
ބޭންކުން ހާމަކުރި ގޮތުގައި، އަހަރަކު 7.5 އިންސައްތައިގެ ކުޑަ އިންޓްރެސްޓް ރޭޓަކާއެކު ތަޢާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ސަރުކާރުން ހިންގާ ”ހިޔާވަހި ފައިނޭންސް ސްކީމް“ ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް،“ ކަމަށެވެ.
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބޭންކުން ބަލާނެއެވެ. ނަމަވެސް، މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީއަކަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިންގ ފެސިލިޓީ ދޫކުރާނެ ކަމަށެވެ. އެހެންކަމުން، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފުރުސަތު ފޯރުކޮށްދިނުމަށެވެ.
ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ