ހަޤީޤީ ބޭކާރު ޚަރަދަކީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރު ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވިއެވެ.
”ޕްރެސަރ ވިތު ދަ ސޮޕޮކްސް“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ ބޭކާރު ޚަރަދެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މިގޮތުން މުންދު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއަކީ ސީދާ ރައްޔިތުންނާ ގުޅިފައިވާ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ހަޤީޤީ ބޭކާރު ޚަރަދަކީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރު ކަމަށް މުންދު ވިދާޅުވިއެވެ. އެތަނަކީ ދެމެހެއްޓެނިވި ވިސްނުމެއް ނެތި، ވަގުތީ ބޭނުމަކަށް މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި ”ބޭކާރު“ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ސަބަބުން ބާޒާރުމަތީ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް އަންނާނެއެވެ. އަދި މާލޭގެ ވަށައިގެންވާ މަގުގެ ޓްރެފިކް ފްލޯއަށް އަންނަ ބަދަލާއެކު، މާލޭގެ އެތެރޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވެސް ލުޔެއް ލިބޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިހާރުވެސް ބާޒާރު މައްޗަށް އައިސްފައިވާ ބަދަލު ބައްލަވާލައްވާ. އެހިސާބުގަނޑުގައި އުޅުއްވާ ރައްޔިތުން ކައިރީ އެހުމުން އެބޭފުޅުން ދަންނަވާނެ ތިމަންނަމެނަށް ވަރަށް ލުއި ފަސޭހައޭ“ މުންދު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ތަރައްގީކުރާނެއެވެ. މި މަޝްރޫއުގެ ދަށުން މަގު ހަ މީޓަރަށް ފުޅާކުރެވި، ބަނދަރުގެ ތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ވެސް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އެ ސަރަހައްދު ފެހިކުރުމަށްޓަކައި ”ގްރީން ބެލެޓެއް“ ތަރައްގީ ކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާއިރު، އަމާޒަކީ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަގު އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. މި މަޝްރޫއު ނިމުމުން މާލޭގެ މޫނުމަތި ރީތިވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ބޭކާރު ޚަރަދަކީ އައްޑޫ ސިޓީގައި ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރު، ބޮޑުތަކުރުފާން މަގު ފުޅާ ކުރުމެއް ނޫން: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ