ވޯލްޑްކަޕް ނޮކްއައުޓް ބުރުގައި މޮރޮކޯއިން ރޭގައި ފަހަތުން އަރާ ޕެނަލްޓީ ޖަހައިގެން މޮންޓެރޭގައި ނެދަލޭންޑްސް ބަލިކޮށް ފެންވަރު ދައްކާލިއިރު ގަދަ 16 އަށް މޮރޮކޯ ދަތުރުކޮށްފި އެވެ.
މެޗުގެ ބޮޑުބައި ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ނެދަލޭންޑްސްގެ ކީޕަރު ބާޓް ވާބްރުގަންގެ ގޯލު ފޫއަޅުވާނުލެވުނުއިރު ކޯޑީ ގަކްޕޯގެ މޮޅު ކުޅުމެއް ވެސް ފެނިގެންދިޔަ އެވެ. ގަކްޕޯ ވަނީ އޭނާގެ ދަރިފުޅު މަރުވި ހަބަރު މިދިޔަ ހޮނިހިރު ދުވަހު އިއުލާން ވެސް ކޮށްފަ އެވެ.
ނަމަވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެވަނަ ހާފު ލަނޑުތައް ފެނުނުއިރު ގަކްޕޯ 72 ވަނަ މިނެޓުގައި ނެދަލޭންޑްސްއަށް ލީޑު ނަގައިދިނެވެ. ނަމަވެސް ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅު ޖެހި މޮރޮކޯގެ އިއްސާ ޑިއޮޕް ޖެހި ލަނޑާއެކު މެޗު ދިޔައީ އިތުރު ވަގުތު އަދި އެއަށްފަހު ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީއަށެވެ.
ނެދަލޭންޑްސްއިން ތިން ޕެނަލްޓީ ނާކާމިޔާބުވީއިރު އޭގެ ފައިދާ ނަގާ އިސްމާއިލް ސައިބަރީގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް މޮރޮކޯއިން މެޗު ކާމިޔާބުކުރީ 3 - 2 ންނެވެ. އަދި މިމޮޅާއެކު ގަދަ 16 ބުރަށް މޮރޮކޯ ދަތުރުކުރިއިރު އެބުރުގައި އަންނަ ހޮނިހިރު ދުވަހު އެޓީމުން ނުކުންނާނީ ހިއުސްޓަންގައި ކެނެޑާއާ ދެކޮޅަށެވެ.
މިހިތާމަވެރި ވަގުތުގައި ވެސް ނެދަލޭންޑްސް ޓީމު ގާތުގައި ލިވަޕޫލްގެ ފޯވާޑް ގަކްޕޯ ވަނީ ހުރެ މޮޅު ކުޅުމެއް ވެސް ދައްކަދީފަ އެވެ. އަދި ފާއިތުވެދިޔަ 32 މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް 5 ޑިފެންޑަރުން ލައިގެން ކޯޗު ރޮނާލްޑް ކޫމަން ކުޅުނު ގަދަ 32 ވަނަ ބުރުގެ މެޗުގެ ފުރަތަމަ 11 ގައި ވެސް އޭނާ ހިމެނުނެވެ.
ރޭގެ މެޗު ފެށިގެން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ދުވުމުގެ ރޭސްތަކެއްހެން ދަނޑުގެ ދެކޮޅުން އިސްމާއިލް ސައިބަރީއާ ޖާން ޕައުލް ވެންހެކް އެޓޭކްކޮށް ހަމަލާ އުފެއްދިއިރު އަނެއްކޮޅު ޗާދީ ރިއާދް އަދި ބްރަޔަން ބްރޮބޭ ވެސް ވަނީ ވަރުގަދަ ކުޅުމަކާއެކު ހަމަލާ އުފައްދާފަ އެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނުއިރު ދެވަނަ ހާފަށް ނުކުމެ އަޝްރަފް ހަކީމީގެ މޭސްތިރިކަމުގައި މޮރޮކޯއިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. ނަމަވެސް ހީނުކޮށް ތިބި ވަގުތެއްގައި ނެދަލޭންޑްސްއިން އުފެއްދި ކައުންޓަރ އެޓޭކަކުން ގަކްޕޯ ލީޑު ނެގީ އެވެ. ނަމަވެސް ފަހުވަގުތު ޑިއޮޕްގެ ލަނޑާއެކު މޮރޮކޯ ސަލާމަތްވީ އެވެ.
2022 ގެ ވޯލްޑްކަޕުގައި ސެމީއާ ހަމައަށް ދަތުރުކުރި މޮރޮކޯއިން އެރާސްތާގެ ތެރެއިން ދުނިޔޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިނާއި ޕޯޗުގަލް ކަޓުވާލިއިރު ސެމީގައި އެމީހުން ބަލިވެފައިވަނީ ފްރާންސް އަތުންނެވެ. އަނެއްކާވެސް މޮރޮކޯއިން މިވަނީ އޭގެ ހަތަރު އަހަރުފަހުން ނޮކްއައުޓް ބުރެއްގައި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަޓުވާލާފަ އެވެ.
ނެދަލޭންޑްސްއަށް ވުރެ އެއް މަގާމު މަތީގައި ހަވަނައިގައި މޮރޮކޯއިން ފީފާ ވޯލްޑް ރޭންކިންގައި އޮތްއިރު 'އެޓްލަސް ލަޔަންސް'އިން މިފަހަރު ފެނިގެންދަނީ ވެސް އެޓީމުގެ ހުނަރުން ފުރިފައިވާ ޖީލެކެވެ. ހަކީމީ، ސައިބަރީ އަދި ބްރާހިމް ޑިއާޒް އަންނަނީ އެންމެ އުހުގައި ފިޔަ ޖަހަމުންނެވެ.
އިތުރަށް ބަލާއިރު ފްރާންސަށް އުފަން 18 އަހަރުގެ މޮރޮކޯގެ މިޑްފީލްޑަރު އައްޔޫބް ބޫއަދީގެ ކުޅުމާއެކު ޔޫރަޕުގެ ފުޓްބޯޅައިގެ ނަޒަރު ވެސް ވަނީ އޭނާއަށް އަމާޒުވެފަ އެވެ. އަދި ބޮޑު އަގެއްގައި ކުލަބްތަކުން އަންނަނީ އޭނާ ހޯދުމަށް ކަޅި އަޅަމުންނެވެ.
ހެޑް ކޯޗުގެ ގޮތުގައި އަދި އެންމެ ހަތަރު މަސްވީ ނަމަވެސް މޮރޮކޯގެ މުހައްމަދު އޮއައްބީއަށް އިތުބާރު ބޮޑުވަމުން އަންނައިރު އޭނާ ވަނީ އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވޯލްޑްކަޕް ވެސް ހޯދަދީފަ އެވެ.
މިހާރުވެސް އެފްރިކާގެ ގައުމުތަކަށް މިފަހަރުގެ ވޯލްޑްކަޕް ތާރީހީ ވޯލްޑްކަޕަކަށް ވެފައިވާއިރު އަނެއްކާވެސް މޮރޮކޯއިން މިއަންނަނީ ގަދަ 16 އަށް ދަތުރުކުރި އެބައްރުގެ ފުރަތަމަ ޓީމުގެ ގޮތުގައި ރޭސް ލީޑުކުރަމުންނެވެ.
ޕޮޒެޝަން ޑޮމިނޭޓްކޮށް އެޓީމުގެ މޮޅު ކުޅުން ދައްކާ، ފުރުސަތުތައް ނާކާމިޔާބުވި ނަމަވެސް ފޯކަސް ގެއްލުވާނުލާ ކުޅެ އަދި ފަހުވަގުތު ހައްގު ލަނޑަކާއެކު ފަހަތުން އަރާ އެއްވަރުކޮށް ޕެނަލްޓީގައި ކާމިޔާބު ހޯދާފަ އެވެ.
މޮރޮކޯގެ ޑިފެންޑަރު ނުސައިރު މަޒްރާއީ ވެސް ރޭގެ މެޗާމެދު ބުނެފައިވަނީ މުބާރާތުގައި މިހާ އަވަހަށް އެހާ ވަރުގަދަ ދެޓީމު ޖެހުމަކީ 'ނާއިންސާފެއް' ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ އެމީހުން ތިބޭނީ ހިތްތިރިކޮށް ކަމަށާއި އަދި މިހިސާބަށް އައިސް ތިބީ އެހެންވެ ކަމަށެވެ. އަދި އެޓީމުން ރޭގައި ދެއްކި ހިތްވަރު ނުދެއްކޭނަމަ އެއްވެސް މެޗަކުން މޮޅުނުވާނެ ކަމަށެވެ.
މޮރޮކޯއިން އަނެއްކާވެސް ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އެމީހުން ފެންވަރު ސާބިތުކުރިއިރު ގަދަ 16 ގައި ބެލެވެނީ ކެނެޑާގެ މައްޗަށް ވެސް ކުރިހޯދާނެ ކަމަށެވެ. އޭރުން ކުއާޓާ ފައިނަލުގައި ބޮޑަށް ބެލެވެނީ ނުކުންނަން ޖެހޭނީ ފްރާންސާ ދެކޮޅަށެވެ. ނަމަވެސް އެއީ ފްރާންސުން މިރޭ ސްވިޑަން ބަލިކޮށް އަދި ގަދަ 16 ގައި ޕެރެގުއޭގެ މައްޗަށް ކުރިހޯދައިފި ނަމަ އެވެ.
ނެދަލޭންޑްސް ބަލިކޮށް މޮރޮކޯ ގަދަ 16 އަށް، އެފްރިކާގެ އުއްމީދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ