ރާއްޖޭގައި 2000 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން 4،198 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި އޭގެ ތެރެއިން 71 ޕަސެންޓު ބިމަކީ މާލެ އަތޮޅުގައި ހިއްކާފައިވާ ބިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މެއި 28، ގައި މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގައި ވަނީ "ލޭންޑް ރިކްލެމޭޝަން އިން ދަ މޯލްޑިވްސް: ޓްރެންޑްސް އެންޑް އިމްޕެކްޓްސް ފްރޮމް 2000 ޓު 2024" ދިރާސާ ޕޭޕަރެއް ޝާއިއުކޮށްފަ އެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ ޕޭޕަރެކެވެ.
އެ މުއްދަތުގެ ތެރޭގައި ބިން ހިއްކުމުގެ 109 ޕްރޮޖެކްޓެއްގެ މައުލޫމާތު އެއްކޮށްފައިވާއިރު އޭގެ ތެރެއިން 85 މަޝްރޫއުއެއްގެ މަސައްކަތް ނިމިފައިވާއިރު 19 މަޝްރޫއުއެއް ކުރިއަށްދިޔަ އެވެ. އަދި ފަސް މަޝްރޫއުއެއް ހިންގަން ރާވައި މަސައްކަތް ފެށިފައި ނުވެ އެވެ.
ރާއްޖޭގެ 18 އަތޮޅެއްގައި މީހުން ދިރިއުޅޭ 69 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެހެންކަމުން މީހުން ދިރިއުޅޭ ކޮންމެ ތިން ރަށަކުން އެއް ރަށުގައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްފަ އެވެ.
ޖުމުލަ 4،198 ހެކްޓަރުގެ ބިން ހިއްކިއިރު 71 ޕަސެންޓު ބިން ހިއްކީ މާލެ އަތޮޅުންނެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން ބޮޑު ބަޔަކީ ގްރޭޓާ މާލެ ސަރަހައްދުގެ ބިން އިތުރުކުރަން ސަރުކާރުތަކުން ހިންގި މަޝްރޫއުތަކެވެ.
އެންމެ މަދުން ބިން ހިއްކާފައިވަނީ ލ. އަތޮޅުގަ އެވެ. މިދިޔަ 25 އަހަރު ތެރޭ އެ އަތޮޅުގައި ހިއްކައިގެން އުފެއްދީ 15 ހެކްޓަރުގެ ބިމެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން 90 ޕަސެންޓަކީ މީހުން ދިރިއުޅޭ ރަށްރަށަށް އިތުރުކުރި ބިމެވެ. ނަމަވެސް، ހިއްކާފައިވާ ޖުމުލަ އަދަދުގެ 40 ޕަސެންޓު ބިމަކީ އާޓިފިޝަލް ރަށްރަށުގެ ބިމެވެ.
ދިރާސާގެ ބޭނުމަށް އެ މަޝްރޫއުއެއް ހިންގި ތަނާއި، ސަރަހައްދާއި، ބާވަތާއި، ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުސަދާއި، މަޝްރޫއުގެ މިހާރުގެ ހާލަތާއި، ފެށި އަހަރުގެ އިތުރުން ހިއްކާފައިވާ ބިމުގެ ބޮޑުމިނަށް ބަލާފައިވެ އެވެ. މަޝްރޫއުތައް ޗާޓުކުރުމަށާއި، ބަދަލުތައް ދިރާސާކުރުމަށްޓަކައި ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމްސް (ޖީއައިއެސް) ބޭނުންކޮށްފައިވެ އެވެ.
ސެޓެލައިޓް ފޮޓޯތައް ލިބުން ދަތިވުމުގެ ސަބަބުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ނެތުމުގެ ސަބަބުން، 2010 ގެ ކުރީގެ މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ދިރާސާ ޕޭޕަރުގައި ބުނެފައިވެ އެވެ.
އެ ޕޭޕަރުގައި ބުނެފައިވާ ގޮތުަގައި ރާއްޖޭގެ ގައުމީ ތަރައްގީގެ ނުވަތަ ސްޕޭޝަލް ޕްލޭނިން ފްރޭމްވޯކެއް ނެތުމުން ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދަނީ އެއްވެސް ޕްލޭނެއް ނެތި އެވެ.
މި ޕޭޕަރު ތައްޔާރުކުރީ ދެ ދިވެހިން ކަމަށްވާ ހުސައިން ޒިޔަތު އާއި ފާތިމަތު ޝަންނާ އަދި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އީޑެން ރީގޯ އެވެ. ޒިޔަތަކީ އާކިޓެކްޓެއްގެ އިތުރުން އާބަނިސްޓެއް އަދި ޕްލޭނަރެކެވެ. ޝަންނައަކީ އިންފްްރާސްޓްރަކްޗާ މިނިސްޓްރީގެ އާބަން ޕްލޭނިން ކޮންސަލްޓަންޓެކެވެ. އީޑެންއަކީ އޮކްސްފޯޑް ޔުނިވާސިޓީގައި ޑިވެލޮޕްމަންޓު ސްޓަޑީސްއިން މާސްޓާސް ފުރިހަމަކުރަމުން އަންނަ ދަރިވަރެކެވެ.
ރާއްޖެއަށް 4،198 ހެކްޓަރުގެ ބިން އިތުރުކޮށްފި، އޭގެ ތެރެއިން 71 ޕަސެންޓަކީ މާލެ އަތޮޅުން ހިއްކި ބިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ