ވޯލްޑް ޓްރެވަލް އެވޯޑްސްގެ 3 ސަރަހައްދެއްގެ އެވޯޑް ހަފްލާ، މިއަހަރު ރާއްޖޭގައި ބާއްވަނީ

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ގާލާ ހަފްލާގައި އިންޑިއަން އޯޝަންގެ އިތުރުން އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ ޑަބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ. މި ޝަރަފްވެރި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ރިސޯޓަކީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. ކްރޮސްރޯޑްސްގައި ތަފާތު ތިން ރިސޯޓެއް ހިމެނޭއިރު، އޭގެ ތެރޭގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނެއެވެ. https://sun.mv/218000 ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވީ، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އެއް ހަފްލާއަކަށް ދައުވަތު ދިނުމަކީ، ރާއްޖެއިން ބައިނަލްއަގްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުސަތެއް ކަމަށެވެ. އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑާ ޓްރޭގާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް ކްރޮސްރޯޑްސްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/214948 ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައި ވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. ވަކިން ޚާއްސަކޮށް، ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ލިބިފައެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، "މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތް ދުނިޔޭގެ ކުރިމަތީގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު އުފެއްދި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި ނިޝާނެވެ. މި އެވޯޑް ހަފްލާތައް ރާއްޖޭގައި ބާއްވާއިރު، ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ގިނަ އެވޯޑްތަކެއް އަބަދުވެސް އަންނަނީ ލިބެމުންނެވެ. އަދި ރާއްޖޭގެ މަގުބޫލުކަން އަހަރަކަށް ވުރެން އަހަރެއް އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ