ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް މިހާރުގެ ސަރުކާރުން އުފުލި ޓެރަރިޒަމްގެ ދައުވާ، ޕާކިސްތާނުގެ ހައި ކޯޓުން ބާތިލް ކޮށްފިއެވެ.
އިމްރާން ޚާންގެ ދިފާއީ ވަކީލުންގެ ޓީމުން ބުނެފައިވަނީ، މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، އިމްރާން ޚާންގެ މައްޗަށް ސަރުކާރުން ކުރި ތުހުމަތަކީ ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ތުހުމަތެއް ނޫންކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އިމްރާން ޚާންގެ މައްޗަށް އެންޓި-ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކުރީ، މިދިޔަ އޮގަސްޓްމަހުގެ 20 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވި އާންމު އެއްވުމެއްގައި ޕާކިސްތާނުގެ ފުލުހުންނާއި، ޖުޑިޝަރީއާއި، އިލެކްޝަން ކޮމިޝަނާއި އަދި ދައުލަތުގެ މުއައްސަސާތަކާމެދު ނަފްރަތު އުފެދޭގޮތަށް ދެއްކެވި ވާހަކަފުޅުތަކާއި އަދި ދެއްވި އިންޒާރުތަކާ ގުޅިގެންނެވެ.
އިމްރާން ޚާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ހައި ކޯޓުން ބާތިލްކުރުމުން، އިމްރާން ޚާންގެ މައްސަލަ ދެން ކުރިއަށް ގެންދަނީ އެންޓި ޓެރަރިޒަމް ކޯޓުގެ ބަދަލުގައި ދަށު ކޯޓެއްގައެވެ.
އެހެން ނަމަވެސް، އިމްރާން ޚާންގެ ދިފާއީ ވަކީލުން ބުނެފައިވަނީ މިއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ހައި ކޯޓުގެ ނިންމުމުގެ ސަބަބުން، އިމްރާން ޚާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއަކީ، އޭނާއާ ދެކޮޅަށް ބަޔަކު އުފެއްދި ދައުވާއެއްކަން ހާމަވެގެން ހިނގައްޖެ ކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވެފައި ވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އޭޕްރީލްމަހު ދުރުކުރި ފަހުން އިމްރާން ޚާންއާ ދެކޮޅަށް ގާނޫނީ އެތައް ދައުވާއެއް ދަނީ އުފުލަމުންނެވެ.
އިމްރާން ޚާން ގެންދަވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އާންމު އެއްވުންތައް ބާއްވަމުންނެވެ. އިމްރާން ޚާން ތުހުމަތު ކުރައްވަނީ އޭނާ މަގާމުން ދުރުކުރީ ބޭރު ގައުމެއްގެ ރޭވުމަކުން ކަމަށެވެ.
އިމްރާން ޚާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ