ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީއަކު އުޅޭނަމަ އެމީހެއްގެ މައުލޫމާތު ވީހާވެސް އަވަހަށް ފުލުހުންނާ ހިއްސާކުރަން އެދިއްޖެއެވެ.
ރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީ އަކު މިހާތަނަށް ވަނީ މަރުވެފައެވެ. އެގޭގައި ގާތްގަނޑަކަށް 28 ވަރަކަށް މީހުން ދިރިއުޅެމުން އައިކަމަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ. އެތަނުގައި ދިރިއުޅެނީ ބަންގްލަދޭޝް އިންޑިއާ އަދި ސްރީލަންކާ މީހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެއީ ކާކުކަން ކަށަވަރުނުވާވަރަށް ބައެއް މީހުންގެ ހަށިގަނޑު އަނދާފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ރިޕޯޓުކޮށްދިނުމަށް އެދިފައެވެ.
ރޭ ދަންވަރު ހިނގި މި ނުރައްކާތެރި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގަރާޖަކާއި އިންވެގެން ހުންނަ ގެއެއްގައެވެ. މި ހާދިސާ ހިނގި ސަބަބެއް ނޭނގޭކަމަށާއި، އެކަން ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެ ގޭގައި ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ހުރިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ