އަލަމްގިރި އިތުރު 9 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުލަތުން ދައުވާކުރި ބަންގްލަދޭޝް އެމްޑީ އަލަމްގިރިގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ 6 ދައުވާގެ ހުކުމްކުރުމުގެ ޝަރީއަތް މިއަދު އޮތް އިރު އެ ހުރިހާ ދައުވާތަކަށް ވެސް އަލަމްގިރި ވަނީ ކޯޓުގައި އެއްބަސްވެފައެވެ.
އަލަމްގިރިގެ މައްޗަށް މި 6 ދައުވާ ސާބިތުވުމާ ގުޅިގެން މިއަދު އަނެއްކާވެސް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް ވަނީ އޭނާ އަށް އިއްވާފައެވެ.
މިދިޔަ އޮގަސްޓް މަހު އެއް ޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއެއްގެ ހުކުމް އަލަމްގިރިގެ މައްޗަށް ކޮށްފައިވާއިރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް އެ ފަހަރު ވަނީ ހުކުމްކޮށްފައެވެ. އަދި އޭގެ ފަހުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއަށް 1080 ދުވަސް ނުވަތަ 3 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
މި މައްސަލާގައި ގާނޫނީ ވަކީލު ނާޒިމް އަބަދުއްސައްތާރުގެ މައްޗަށް ވަނީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައިވާއިރު ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ. އަދި ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒުގެ މައްޗަށް ވަނީ ތިން މަހާއި 10 ދުވަހަށް ޖަލަށް ލުމަށާއި އިތުރު ހަ މަހާއި 20 ދުވަހަށް ގޭ ބަންދުކުރުމަށ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ