ޝާހިދާއި ތަސްމީންގެ ނަމުގައި ނަގާފައިވަނީ ސައްހަ ދެ ޓިކެޓުކަން އެންޓި ކޮރަޕްޝަނުން ވަނީ ނިންމާފައި: އުމަރު

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ޖީއެމްއާރާ ސިއްރުން ބައްދަލުކުރުމަށް އެ ކުންފުނީގެ ހަރަދުގައި އިންޑިއާގެ ހައިދަރުއާބާދަށް ދިއުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަމުގައި ނަގާފައިވާ ކަމަށް ތުހުމަތުކުރި ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ނިންމާފައި ކަމަށް ޑީއާރުޕީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ޒެޑް-ޑީއާރުޕީގެ ޖަލްސާގައި އުމަރު ވިދާޅުވީ އޭނާ މީޑިއާ އަށް ހާމަކުރެއްވި ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓްކަން ސްރީ ލަންކަން އެއާލައިންސް އިން ބުނެފައިވާ ކަމަށް އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން އިއްޔެ ނެރުނު ރިޕޯޓުގައި ވެސް ވާ ކަމަށެވެ.
"އަޅުގަނޑު ތި ބޭފުޅުންނާ ހަމަ އަށް ގެނެސްދިން ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓު ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައި އެބަ އޮތް،" އުމަރު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ޝާހިދާއި ކެންދޫ ދާއިރާގެ މެންބަރު ތަސްމީނަށް ޖީއެމްއާރުން ޓިކެޓް ދިންކަން ސާބިތުނުވާ ކަމަށް އޭސީސީން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައި ވެ އެވެ. އެ ރިޕޯޓާ ބެހޭ ގޮތުން އުމަރު ވިދާޅުވީ އެ ކަންތައްތަކަކީ ބޭރު ގައުމެއްގައި ހިނގާފައިވާ ކަމަކަށް ވުމުން އެންމެ ފުރިހަމަ ގޮތުގައި އޭސީސީ އަށް އެ ތަހުގީގުކުރެވިފައި ނުވާ ކަމަށެވެ.
"މި ރިޕޯޓުގެ 6.10 ގައި ބުނަނީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ޝާހިދާއި އަހުމަދު ތަސްމީން އަލީގެ ނަމުގައި ސްރީ ލަންކަން އެއާލައިންސް އިން ދޫކޮށްފައިވާ އިސްވެ ދެންނެވުނު ދެ ޓިކެޓާ ބެހޭ ގޮތުން ސްރީ ލަންކަން އެއާލައިންސް އިން މި ކޮމިޝަނަށް ދިން މައުލޫމާތުގައި އެ ދެ ބޭފުޅުންގެ ނަމުގައި ޓިކެޓް ދޫކޮށްފައި ވަނީ އެފްސީއެމް ޓްރެވެލް ސޮލިއުޝަންގެ ނަމުގައި ކަމަށާއި އެ ދެ ޓިކެޓަށް ފައިސާ ދައްކާފައި ވަނީ ވެސް އެފްސީއެމް ޓްރެވެލް ސޮލިއުޝަންގެ ނަމުގައި ކަމަށާއި އެ ޓިކެޓުން ދަތުރުކޮށްފައި ނުވާ ކަމަށާއި އެ ޓިކެޓް ރިފަންޑްކޮށްފައި ވަނީ ވެސް ޓިކެޓް ނެގި ފަރާތުންކަން އެނގިފައިވޭ،" ރިޕޯޓްގެ އެ ޕޮއިންޓް އުމަރު ވިދާޅުވެ ދެއްވި އެވެ.
އުމަރު މިހެން ވިދާޅުވެފައި މި ވަނީ ޖީއެމްއާރުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުކުރި ފަރާތްތައް ޑީއާރުޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ޝާހިދާއި ތަސްމީން އިއްޔެ ހަވީރު ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އުމަރު ވަނީ އޭނާ ކުރެއްވި ތުހުމަތު ދިފާއުކުރައްވައިފަ އެވެ.
"އެހެންވީމާ އަޅުގަނޑު ތި ބޭފުޅުންނާ ހަމައަށް ގެނެސްދިން ދެ ޓިކެޓަކީ ސައްހަ ދެ ޓިކެޓް،" އުމަރު ތަކުރާރުކުރެއްވި އެވެ.
އޭނާ ވިދާޅުވީ އޭސީސީ އަށް ސާބިތުކޮށްނުދެވުނީ އެ ޓިކެޓް ދިނީ ޖީއެމްއާރުންކަން ކަމަށެވެ.
"އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސާބިތުކޮށް ނުދެވުނީ މި ޓިކެޓް ނެގުމަށްޓަކާ ފައިސާ ދިނީ އަޅުގަނޑު ކުރިން މި ދެންނެވި ދެ ބޭފުޅުންކަން. އެއީ ސާބިތުކޮށް ނުދެވުނު އެއްޗަކީ. މި ދެ ޓިކެޓް ނަގާފައި ވަނީ އިންޑިއާ ހައިދަރުއާބާދުން ކަމަށް ވާތީ އެކަން ސާބިތުކޮށްނުދެވުނީ،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ ވާހަކަ އަށް ތާއީދުކުރައްވަމުން ޑީއާރުޕީގެ އެއް ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ އެ ދެ ޓިކެޓުގައި ތަސްމީނާއި ޝާހިދު ދަތުރުކުރެއްވި ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"މި ޓިކެޓްގެ ވާހަކަ ދެއްކުމަށްޓަކައި އުމަރު ނަސީރާ އެކު ޓީވީތަކަށް އެރި އެކަކު އަޅުގަނޑަކީ. އަޅުގަނޑުމެން އޭރު ވެސް ބުނިން ތަސްމީން އަލީ އާއި ޝާހިދެއް މި ޓިކެޓުގައި ދަތުރެއް ނުކުރައްވައޭ. އަޅުގަނޑުމެން ދެންނެވީ މި ޓިކެޓަކީ ސައްހަ ޓިކެޓެކޭ. މި ޓިކެޓަކީ އެ ބޭފުޅުން ދަތުރުކުރެއްވުމަށްޓަކައި ނެގި ޓިކެޓެކޭ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ޓިކެޓުގައި ދަތުރު ނުކުރެއްވީ ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އެ ދެ ބޭފުޅުންނަށް ގުޅުއްވި ހިސާބުން ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"އެ ކިޔާ ޓްރެވެލް އެޖެންސީއެއް ނުވަތަ އެ ތަނަކީ ވެސް ޓިކެޓް ނެގުމަށް އެކަންތައް ކުރީވެސް ޖީއެމްއާރު ތެރެއިން،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ އެ ޓިކެޓްތަކުގެ ހަގީގަތް ނުހޯދުނީ ބޭރުގެ ގައުމުތަކުގެ ތެރެއަށް ވަދެ މައްސަލަ ބެލުމުގެ ހައްގު އޭސީސީ އަށް ލިބިގެން ނުވާތީ ކަމަށެވެ.
"އެ ހުދޫދުގެ ތެރެއިން އިންޑިއާ އާއި ސިލޯންގެ ތެރެ އަށް ވަދެގެން މައްސަލަ ބެއްލެވޭނެ ގޮތެއް ނެތީމާ އެ ބޭފުޅުންނަށް [އޭސީސީ] ބޭނުންވާ ސުވާލުކޮށް އެ ބޭފުޅުން ބޭނުންވާ ފަރާތްތައް ހާޒިރުކޮށްގެން ބެލޭނެ ގޮތް ނެތީމާ އެ ބޭފުޅުންނަށް އެ މައްސަލައިގެ އެންމެ ފުނަށް ދަތުރެއް ނުކުރެވޭ. އެހެން ނަމަވެސް އެ ބޭފުޅުންގެ ރިޕޯޓުގައި ވިދާޅުވެފައިވޭ އެއީ ސައްހަ ޓިކެޓެކޭ،" ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ