ގައުމު މިދާ މިސްރާބު ބަދަލުކުރުން އެންމެންގެ މައްޗަށް ލާޒިމް - މައުމޫން

ޤައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އެންމެންގެ މައްޗަށް ލާޒިމްވެފައިވާ ކަމެއް ކަމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިވަގުތު ގައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ ކަމަށެވެ.
"އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެކެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ގައުމީ ދުވަހަކީ، ގައުމުގެ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސް ކަމަށާއި، ގައުމުގެ މިހާރާއި މުސްތަގުބަލަށްޓަކައި، އިތުރު އަޒުމަކާ އެކު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް މައުމޫން ވަނީ އެ ބަޔާނުގައި ގޮވާލައްވާފައެވެ.
މީގެއިތުރުން ރައީސް މައުމޫން ވަނީ، ރާއްޖޭގައި ހަރުދަނާާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ޙައްގުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމީ ވާޖިބެއް ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ މި ބަޔާނުގައި ވަނީ، ދިވެހި ކޮންމެ ދަރިއަކީ ވެސް ބޮޑުތަކުރުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ