މޮޅެއް ހޯދާ ބަޔާން އިން ލީޑުފުޅާކުރިއިރު ލެވަންޑޮސްކީ އަށް ރެކޯޑެއް

ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ބަޔާން މިއުނިކުން ލީގު ތާވަލް އެއްވަނައިގައި ލީޑު ފުޅާކުރިއިރު އެޓީމުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ރެކޯޑަކާއި އަރާ ހަމަކޮށްފިއެވެ.
މެޗުގައި ފަސޭހަކަމާއެކު ބަޔާން އިން ޔުނިއަން ބާލިންގެ މައްޗަށް ކުރިހޯދިއިރު ލެވަންޑޮސްކީ ވަނީ ދެލަނޑު ޖަހާފައެވެ. މިއާއެކު މިސީޒަނުގައި އޭނާ ބަޔާން އަށް ލީގުގައި ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު 31 އަށް އެރިއިރު މިސީޒަނުގައި އޭނާ ލީގުގައި ކުޅެފައިވަނީ 27 މެޗެވެ. އަދި މިއާއެކު އޭނާ ވަނި ޖެހިޖެހިގެން 5 ސީޒަންގައި 30 ލަނޑަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށް ލީގު ރެކޯޑަކާ އަރާ ހަމަކޮށްފައެވެ.
ލެވަންޑޮސްކީގެ އިތުރުން ދެން ޖެހިޖެހިގެން ފަސް ސީޒަނުގައި ބުންޑަސްލީގުގައި 30 ލަނޑު ހަމަކޮށްފައިވާ އަނެއް ކުޅުންތެރިއަކީ ފުޓުބޯޅަ ލެޖެންޑް ގާޑް މުލާ އެވެ.
ބަޔާންގައި ހޭދަކޮށްފައިވާ ގާތްގަނޑަކަށް 8 އަހަރުގެ ތެރޭގައި ލެވަންޑޮސްކީ ވަނީ ބުންޑަސްލީގާގައި 377 މެޗު ކުޅެ 308 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ހުރިހާ މުބާރާތަކުން އޭނާ ބަޔާން އަށް މިހާތަނަށް 667 މެޗު ކުޅެދީފައިވާއިރު 504 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.
މި ތާރީހީ ރެކޯޑާއި ލެވަންޑޮސްކީ އަރާހަމަކުރި މެޗުގައި ބަޔާން އިން ޔުނިއަން ބާލިންގެ މައްޗަށް ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބަޔާން އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 16 ވަނަ މިނެޓުގައެވެ. ހެރްނާންޑޭޒްގެ ޕާހަކަުން ދުރުދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ބަޔާން އަށް ކާމިޔާބު ކޮށްދިނީ ކިންގްސްލޭ ކޯމާން އެވެ. އަދި އެޓީމުން ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ނިއާންޒޫ ކާމިޔާބުކުރި ލަނޑަކާއެކުއެވެ. މިއީ ނިއާންޒޫ ބަޔާން އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގައި ބަޔާން އިން ކާމިޔާބުކުރި ލަނޑަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި، ލިބުނު ޕެނަލްޓީއަކުން ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން ލެވަންޑޮސްކީ އަށް ޔުނިއަން ބާލިންގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ބަޔާން އިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ބަޔާން އަށް މެޗުގައި އެޓީމުން ޖެހި ހަތަރުވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ލެވަންޑޮސްކީ އެވެ. ޖަމާލް މުސިއާލާ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ލެވަންޑޮސްކީ ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ދޮޅުމިނެޓުގެ ތެރޭގައެވެ.
މި މޮޅާއެކު ބަޔާން އިންވަނީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 27 މެޗުން 63 ޕޮއިންޓު ހޯދާފައިވާއިރު ދެވަނަައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 26 މެޗުން 56 ޕޮއިންޓާއެކުއެވެ. ޔޫނިއަން ބާލިން އޮތީ 27 މެޗުން 38 ޕޮއިންޓާއެކު އަށްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ