ޔޯގާއާއި މިއުޒިކަކީ ހަރާމް އެއްޗެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ޔޯގާގެ ޝަރުއީ ހުކުމާމެދު ގިނަ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މިދުވަސްވަރު މިކަމާ ގުޅިގެން މައުމޫން ވަނީ ރޭ ނޫސް ބަޔާނެއް ނެރުއްވާފަ އެވެ.
މި ދިރާސާ ލިޔުމުގައި ބުނެފައިވަނީ އިންސާނާ ކުރާ ކަންކަމުގެ ތެރެއިން ހުއްދަ އަދި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށާއި ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ވެސް މާތްﷲ ކަމަށާއި ހުކުމް ކުރުމުގެ ބާރު އޮންނަނީ ވެސް މާތް ﷲ އަށް ކަމަށެވެ. އެ ބާރަކީ، ރަސޫލު ބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނަ ބާރެއް ނޫން ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
އެގޮތުން އެންމެ ފާޅުކަން ބޮޑު ގޮތަކީ ކީރިތި ގުރުއާނުގެ އާޔަތްތަކުން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަމެއް ސަރީހަކަށް އެނގެން އޮތުން ކަމަށް މައުމޫން ވިދާޅުވިއެވެ.
އަނެއް ގޮތަކީ ގަރީނާއަކުން އެކަން އެނގުން ކަމަށާއި މިސާލަކަށް އެކަމެއް ނުކުރުމަށް ނުވަތަ އެކަމުން ދުރުހެލިވުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމާއި ގުޅިގެން އެކަމަކީ ފާފައެއް ނުވަތަ ޝައިތާނާގެ އަމަލެއްކަމަށް އަންގަވާފައިވުން ކަމަށް މައުމޫން ވިދާޅުވިއެވެ.
”ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް. ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމެއް. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން.“ މައުމޫން ވިދާޅުވެފައި ވެއެވެ.
“އެހެންކަމުން ގައުމީ ނުވަތަ އިޖުތިމާއީ މުނާސަބުތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަން ދުވަސް ފާހަގަ ކުރުމާއި، އެކިއެކި ކުޅިވަޅު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކާ ފުށުނާރާ ގޮތުގެ މަތިން ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތު ތަކާއި، ލަވަކިޔުމާއި، މިޔުޒިކް ކުޅުން ފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާނަމަ އެކަމެއް ހަރާމް ވާނެކަން ޔަގީނެވެ.” މައުމޫން ވިދާޅުވިއެވެ.
ޔޯގާއާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ފަރާތުން މިދިއަ ހޯމަ ދުވަހު ބުނެފައި ވަނީ، އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެކަން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ 100 އަށްވުރެ ގިނަ ޝައިހުން ނެރެފައިވާ ފަތުވާގައިވެސް ވަނީ ޔޯގާ ހެދުމަކީ ހަރާމްކަމެއް ކަމަށެވެ.
ޔޯގާއާ ގުޅޭގޮތުން ހިޔާލުތަފާތުވުން ބޮޑުވެފައިވީ ނަމަވެސް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ ކޮމިޓީ އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކަ ނުދައްކައެވެ.
”އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިސްލާމް ދީނަކީ ލުއި ފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިއްމު ކަމަކަށް ސަމާލުކަން ދޭން ޖެހޭ. އެކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން.“ މައުމޫން ވިދާޅުވެފައި ވެއެވެ.
ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ނުބުނެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ