ލީޑްސް އަތުން މުހިންމު މޮޅެއް ހޯދާ ޔުނައިޓެޑުން މަގާމު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ލީޑްސް ޔުނައިޓެޑްގެ މައްޗަށް ހޯދި މޮޅާއެކު މެންޗަސްޓަރ ޔުނައިޓެޑުން ޕޮއިންޓް ތާވަލުގެ 4 ވަނައިގައި ލީޑުފުޅާކޮށްފިއެވެ.
ރަށުން ބޭރުގައި ލީޑްސްގެ ސަޕޯޓަރުންގެ ކުރިމަތީގައި ޔުނައިޓެޑުން މިމޮޅު ހޯދީ 2-4ގެ ނަތީޖާއަކުންނެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ މުޅި ގޭމް ކޮންޓްރޯލްކުރީ ޔުނައިޓެޑުންނެވެ. ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ލަނޑުޖަހަން ޔުނައިޓެޑުން ކުރި މަސައްކަތުގައި ކާމިޔާބީ ލިބި، މެޗުގައި ފުރަތަމަ ފަހަރަށް އެޓީމުން ލީޑުނެގީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ.
ލޫކް ޝޯ ނަގައިރިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ މެގުއާއެވެ. މިއީ މިސީޒަނުގައި މެގުއާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. ދެން މި ސީޒަނުގައި މެގުއާ ލަނޑެއް ކާމިޔާބު ކޮށްފައިވަނީ ހުސްވި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އެޓަލާންޓާ އާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑުން މޮޅުވި މެޗުގައެވެ.
މެގުއާގެ ލަނޑަށްފަހުވެސް ޔުނައިޓެޑުން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރަމުންދިޔައިރު، މެޗުގައި އެޓީމުން ލީޑުފުޅާކުރީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޭޑަން ސަންޗޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެރްނާންޑޭޒް އެވެ.
ދެވަނަ ހާފު ފަށައިގެން ލީޑްސް އިން ކުޅުން ވަރުގަދަކޮށް މެޗުގެ އޮއެވަރު ބަދަލުކޮށްލިއެވެ. އެގޮތުން ގާތްގަނޑަކަށް 98 ސިކުންތުގެ ތެރޭގައި ދެލަނޑު ޖަހައިގެން ލީޑްސް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑުތައް ލީޑްސް އަށް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯ އާއި ރަފީނިއާ އެވެ. ރަފީނިއާ މެޗުގައި ކުޅެން އެރީ ބަދަލެއްގެ ގޮތުގައެވެ.
މެޗުން މޮޅުވުމުގެ މުހިންމުކަން ދެނެގަނެ ޔުނައިޓެޑުން ހެދުނު ގޯސްތައް ރަނގަޅުކޮށް އަނެއްކާވެސް މެޗުގެ ކޮންޓްރޯލް ހޯދިއިރު، އެޓީމުން ދެވަނަ ފަހަރަށް މެޗުގައި ލީޑުނެގީ 70 ވަނަ މިނެޓުގައެވެ. ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ފްރެޑް އެވެ. އަދި އިތުރު ލަނޑެއްޖަހާ ޔުނައިޓެޑަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އެންތަނީ އެލަންގާއެވެ.
މިދެލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފްރެޑް އާއި އެލަންގާ މެޗުގައި ކުޅެން އަރާފައިވަނީ ލީޑްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް ބަދަލުކުޅުންތެރިންގެ ގޮތުގައެވެ.
މިމެޗުން ހޯދި މޮޅާއެކު ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 26 މެޗުން 46 ޕޮއިންޓާ އެކުއެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް އާސެނަލަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ވެސްޓް ހޭމް ކުޅުނީ 26 މެޗެވެ. އާސެނަލުން އަދި ކުޅުނީ 23 މެޗެވެ. އަދި ހަތް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން 23 މެޗުން ވަނީ 39 ޕޮއިންޓް ހޯދައިފައެވެ.
ޕޮއިންޓް ތާވަލްގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު އެންމެފަހުގެ ލީގް ޗެމްޕިއަން މެންޗަސްޓަރ ސިޓީ އޮތްއިރު ދެވަނައިގައި ލިވަޕޫލް ވިއްދާފައި އޮތީ އެއްމެޗު މަދުން ކުޅެ 57 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ދާދިފަހުން ފީފާ ކްލަބް ވޯލްޑް ކަޕް އަދި ފާއިތުވީ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސްލީގް ކާމިޔާބުކުރި ޗެލްސީ އޮތީ 25 މެޗުން 50 ޕޮއިންޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ