އެއްގަމާއި، ވަޔާއި ކަނޑުގެމަގުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އަމުރު ކޮށްފިއެވެ.
މިއާއެކު، އިސްރާއީލު ސިފައިންގެ ބޮޑު ފައުޖެއް މިހާރުދަނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމަށް ބަރު ހަތިޔާރާއެކު ޖަމާވަމުންނެވެ. މިއީ، އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ ޣައްޒާ ހިފުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެތަން މިތަނަށް ހަމަލާދިނުމުގެ ސަބަބުން މިހާތަނަށް ފަލަސްތީނު ނުވަމީހުން ޝަހީދުވެފައި ވާއިރު، ފަލަސްތީނު މުޖާހިދުން އިސްރާއީލުގެ ތެރެއަށް ފޮނުވަމުންދާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު ތިންމީހުން މަރުވެފައި ވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، 14 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
އިސްރާއީލު ތިންމީހުން މަރުވެފައިވަނީ، ފަލަސްތީނު މުޖާހިދުން އިސްރާއީލުގެ އަޝްކެލޮން ސިޓީއަށް ދިން ރޮކެޓް ހަމަލާތަކުގައެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ އަސްކަރީ ފިޔައާއި، އިސްލާމިކް ޖިހާދުގެ އަސްކަރީ ފިޔަ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އޮޕަރޭޝަން ރޫމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން ކުރިއަށް ގެންދާނަމަ ވަރުގަދަ އަދި ވޭންދެނިވި ރައްދު ދޭނޭ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ ބިން ދިފާއުކުރުމުގައި ގާއިމްވެ ތިބޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ސަރަހައްދީ އިމުގައި ތިބި މުރާސިލުން ބުނެފައިވަނީ، މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު މިފެށުނު ނުރައްކާތެރި އަސްކަރީ ކުރިމަތިލުން ކައިރި މުސްތަބްލެއްގައިވެސް ހުއްޓާލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ ފާއިތުވީ ދެދުވަސް ތެރޭގައި ޣައްޒާގެ ތެރެއިން އިސްރާއީލުގެ ދެކުނަށް 400 އަށްވުރެ ރޮކެޓާއި މިސައިލް ހަމަލާތައް ދީފައިވާ ކަމަށެވެ. އިސްރާއީލުގެ މިސައިލާ ދެކޮޅު އައްޑަނައަށް އޭގެ ތެރެއިން ހުރަސް އެޅިފައިވަނީ 250 ރޮކެޓަށް ކަމަށްވެސް ބުނެފައި ވެއެވެ.
ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓްތަކުން ޣައްޒާގެ 150 ތަނަކަށް ބޮންއަޅާފައި ވާއިރު، އާންމުން ބޭނުންކުރާ 200 އަށްވުރެ ގިނަ އިމާރާތަށް ބޮޑުބަޑިން ހަމަލާދީފައިވާ ކަމަށެވެ. އިސްރާއީލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އެޕާޓްމަންޓް އިމާރާތްތަކާއި، މިސްކިތްތަކާއި، ފިހާރަތަކާއި މީޑިއާ ސްޓޭޝަންތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ބޮންއަޅާއި ހަލާކުކޮށްލި އިމާރާތްތަލުގެ ތެރޭގައި ތުރުކީގެ ރަސްމީ ނޫސް އޭޖެންސީ، އަނަދޮލުގެ އޮފީސް ހުންނަ އިމާރާތްވެސް ހިމެނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 70 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މިހަމަލާތަކާ ގުޅިގެން އދއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އދއިން މެދުއިރުމައްޗަށް ކަނޑައަޅާގައި ހުންނަވާ ޚާއްސަ ކޯޑިނޭޓަރ ނިކޮލޭ މްލަޑެނޯވްވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދެފަރާތަށްވެސް ގޮވާލައްވާފައެވެ.
ފަލަސްތީނު ނުވަމީހުން ޝަހީދު، ހަމަލާތައް އަދިވެސް ވަރުގަދަކުރަން ނަތަންޔާހޫ އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ