ވިޔަފާރިތަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ދައްކާ ނިންމަން އަނެއްކާވެސް އާ ތާރީހެއް

ސަޕްލަޔަރުންގެ ބިލުތަކަށް ސަރުކާރު ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ދައްކާ ނިންމުމަށް ދެއްވި ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ ވެސް އެންމެ ބޮޑު އެއް ޝަކުވާ އަކީ އެ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ހޯދާފައިވާ ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ. އެ ޝަކުވާތަކާ އެކު ބިލުތަކަށް ފައިސާ ދައްކާ ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އެކި ފަހަރު މަތިން ތާރީހުތައް ދެއްވައިފަ އެވެ.
ތަފްސީލް - ރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް ވިޔަފާރިވެރިންގެ މައިގަނޑު އެއް ޝަކުވާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިޔުމެވެ. އެއާ އެކު ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުމުގެ ވާހަކަ އެމީހުން ވަނީ ރައީސް އާ ހިއްސާކޮށްފަ އެވެ.
ވިޔަފާރިތަކަށް އާމްދަނީ ނުލިބުނަސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭތީ އެކަމަށް ހައްލު ގެނެސްދީ ލިބެން ޖެހޭ ފައިސާ އާއި ދައްކަން ޖެހޭ ޓެކްސް ލާޖައްސައިދޭން ވެސް ބައެއް ވިޔަފާރިވެރިން ރައީސް އަރިހު އެދުނެވެ.
އެ ކަންބޮޑުވުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އުސޫލެއްގެ ތެރެއިން އެކަން ކޮށްދެއްވާނެ ކަމަށެވެ.
"އޭގައި ގާނޫނީ ގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބަލާ މީރާ އާއި ފިނޭންސްއާ އެކީ އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން. އެއަށް ވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިތަނުގައި އަޅުގަނޑަށް އަދަދެއް ނުދެންނެވުނު ނަމަވެސް މިއަށް ހައްލެއް އަންނާނެ. ދޭން ހުރި ފައިސާ ވެސް [ދެވޭނެ]."
ރައީސް ރޭ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ވެސް ގިނަ ވިޔަފާރިތަކަކަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި ރޯދަ މަހާ ހަމައަށް ދާއިރު ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުދޭވަރަކަށް ގިނަ ފަރާތްތަކަށް މި މަސް ނިމުމުގެ ކުރިން ބާކީ މި އޮތް 15 ވަރަކަށް ދުވަސް ތެރޭގައި ދެ ހަފްތާއެއްހައި ދުވަސް މިއޮތީ. އިރާދަކުރެއްވިއްޔާ މި ބަލަނީ [އެބިލުތައް] ޕޭ ކުރެވޭތޯ،" ރައީސް ވިދާޅުވި އެވެ.
"އަދި ހަމައެއާ އެކު ދެން ޖެނުއަރީ މަސް ތެރޭގައި ބާކީ އެމައުންޓުވެސް، ރޯދަ މަހާ ހަމައަށް ދާއިރު ކްލިއާ ކުރެވޭތޯ މި ބަލަނީ. ކްލިއާ ކުރާއިރު މީރާގެ ޕެންޑިންތަކަށް ވެސް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސަޕްލަޔަރުންގެ ބިލުތަކަށް ފައިސާ ދައްކައި ނިންމަން ރައީސް ވަނީ މި އަހަރު ތެރޭ ވެސް އެކި ފަހަރު މަތިން ތާރީހުތައް ދެއްވައިފަ އެވެ.
އެގޮތުން:
 2 އޮކްޓޯބަރު ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 5 ހަފްތާ ތެރޭ ބިލުތަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށް
އޭގެ ފަހުން ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި ވިދާޅުވީ ނޮވެމްބަރު 6 އިން ފެށިގެން ކޮންމެ ދުވަހަކު ބިލުތަކަށް ފައިސާ ދައްކަމުން އަންނަ ކަމަށް. ހުރިހާ ބިލެއް ކްލިއާ ވަންދެން ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވި
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރުމަށް މިދިޔަ މަހު 25 ގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ މި އަހަރުގެ ނިޔަލަށް ބިލުތަކަށް ފައިސާ ދައްކާ ނިންމަވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ