ކުރިއަށް އޮތީ ހުޅަނގު މޫސުން، ވިއްސާރަވުން އެކަށީގެންވޭ: މެޓް އޮފީސް

ކުރިއަށް އޮތީ ހުޅަނގު މޫސުން ކަމަށާއި އެހެން އަހަރު ތަކާ އަޅާބަލާއިރު މިއަހަރު ވިލާގަނޑު ބޯވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން މެޓް އޮފީހުން ބުނީ މިމަހު 10 - 12 އަކީ އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށޭ ދުވަސްކޮޅުކަމަށެވެ. އެގޮތުން އެހެން އަހަރު ތަކާ އަޅާބަލާއިރު ވިލާ ތަންކޮޅެއް ބޯކޮށް އުޅޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ހުޅަނގު މޫސުން ފެށިގެން އުޅޭއިރު ތަންކޮޅެއް ވިއްސާރަ ކުރާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ މޫސުމަށް ލަފާކުރެވޭ ގޮތުގައި މޫސުން އެހާ ގޯސްކަމަކަށް އަދި ނުދައްކާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ ކަމަށާއި އެހެން ހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ހަފްތާގެ ފަހުކޮޅަށް ދާވަރަކަށް ކޮންމެސް ވަރަކަށް ރާއްޖޭގެ ދެކުނަށް މިހާރު މިކުރާ ވަރަށް ވުރެ ވިއްސާރައިގެ އަސަރު އިތުރު ވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ