އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލައިފި

ނޭޝަނަލް އިންޓަގްރީޓީ ކޮމިޝަން، އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނީ، އެގޮތަށް ނިންމީ އަލުން ފުރުޞަތު ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމާ ގުޅިގެން ކަމަށެވެ.
މިގޮތުން މިއަދުން ފެށިގެން 6 އޮގަސްޓު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ފޯމް ހުށައެޅުއްވުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެއޮފީހުން ކަމަށެވެ.
މިގޮތުން އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ 08:00 އިން 14:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ފޯމާއި ލިޔުންތައް ބަލައިގަންނަމުން ދާނެ ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް މަޖިލީހުން ރުހުންދިނުމުގެ ބަދަލުގައި އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ ދެއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކުރީ މިހިނގާ ޖުލައި މަހުގެ 22 ވަނަ ދުވަހުގައެވެ.
އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ކުރިން ހުޅުވާލުމުން ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމަޖިލީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ