ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެެއްޖެ އެވެ.
މިނިސްޓަރު ހުސައިން ރަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އެއް މެގަވޮޓް ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި ހަކަތަ މެނޭޖްމަންޓް ސިސްޓަމެއް ބޭނުންކޮށްގެން ހަކަތަ އުފެއްދުމާ ގުޅޭގޮތުން ޖަޕާނާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި މިހާރު ހަކަތަ އުފެއްދުމަށް ބޭނުންކުރަނީ ތެޔޮ ކަމަށް ވުމާއެކު މިނިސްޓަރު ވިދާޅުވީ ހަކަތަ އުފައްދާ ސިސްޓަމްތަކެއް ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ރައްކާތެރި ކަމާއެކު ހަކަތަ އުފައްދާ ފޯރުކޮށްދިނުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓްގެ ހިދުމަތް ދިނުމުގެ ގޮތުން އެކި ސައިޒުގެ 14 ޖަނަރޭޓަރު ބޭނުންކުރަމުންދާ ކަމަށާއި އަދި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިސިސްޓަމްތައް ބޭނުން ކޮށްގެން ކަރަންޓް އުފައްދަން ފެށިއްޖެ ނަމަ މިހާރު އައްޑޫއަށް ކުރިމަތިވެފައިވާ ތެލުން ކަރަންޓް އުފައްދަން ޖެހުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޑރ. ހުސައިން ވިދާޅުވި ގޮތުގައި މިހާރު އައްޑުގައި ބޭނުންކުރަމުންދާ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، ބެޓްރީ ސްޓޯރޭޖް ސިސްޓަމް ބޭނުންކޮށްގެން ހަކަތަ އުފައްދަން ފެށުމުން އައްޑޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުގެ މިންވަރު ޖުމްލަ 12.5 އިންސައްތަ ދަށަށް ދާނެ އެވެ. އަދި މިސިސްޓަމް ހަރުކުރެވުމާ އެކު އިންޖީނުގެ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެދެވޭ ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެންދާ ކަަމަކަށް ވުމާއެކު މި ސިސްޓަމްތައް ބޭނުން ކޮށްގެން ހަކަތަ ފޯރުކޮށްދިނުން ވެގެންދާނީ މި ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަހަރެއްގެ ތެރޭގައި އައްޑޫއަށް ދާއިމީ ގޮތަކަށް ކަރަންޓުގެ ހިދުމަތް ދޭނަން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ