ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޯޓުން ބަލައިގެންފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާގުޅޭ ދުސްތޫރީ މައްސަލައެއް ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެފަދަ ގިނަ މައްސަލަތަކެއް ހުރިކަމަށްބުނެ ޕީޕީއެމްގެ ފަރާތުން އިހްތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގަވަނީ ރިޔާސީ އިންތިޚާބު ހިނގަމުންދިޔައިރު، ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އިންތިޚާބުގައި ޙަރަކާތްތެރިވި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެޕާޓީއަށް ވަރަށްގިނަ ޝަކުވާތަކެއް ހުށައަޅާފައިވާކަމަށެވެ.
"އެޝަކުވާތަކަށް ރިޢާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިޚާބީ ޙައްޤުތައް ގެއްލިފައިވާކަމަށް ޤަބޫލްކޮށް، އެމައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މިޕާޓީން ޤަބޫލުކުރަމެވެ. އެހެންކަމުން އެމައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށައަޅާ، އެއިދާރާއިން ދީފައިވާ ޖަވާބަށް ރިޢާޔަތްކޮށް، މިޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓްގެ އިންތިޚާބީ ޙައްޤު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމްކޯޓަށް އެމައްސަލަތައް ހުށައަޅަން މިޕާޓީން ނިންމައިފީމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
ޕީޕީއެމުން ދައުވާ ކުރަނީ ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓު ލުމުގެ މަރުޙަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ޙީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތްކުރުމާއި ރީ-ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އޮފިޝަލުންގެ ޢަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނޭކަމަށް ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށާ، އިންތިޚާބުގައި އޮޅުވާލުމާއި މަކަރުހެދުމުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ޕީޕީއެމުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާމެދުވެސް ޕީޕީއެމުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މީގެ އިތުރުން އެޕާޓީންދަނީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާކަމަށްބުނެ އެކަމާއި ދެކޮޅަށް ކޮންމެރެއަކު އަޑުއުފުލަމުންނެވެ.
ވެރިކަން ކުރާ ޕާޓީން މިފަދަ ތުހުމަތުތަކެއް ކުރިނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ޕީޕީއެމުން ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ.
ރިޔާސީ އިންތިޚާބާގުޅިގެން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ