ޖުޑިޝަރީއަށް ރައްޔިތުން ފުރިހަމަ އިތުބާރު ކުރޭ: ފާއިޒް

ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއަށް ރައްޔިތުން އިތުބާރުކުރާ ކަމަށް ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ ހުސައިން ފާއިޒް ވިދާޅުވެއްޖެއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން އަދުލު އިންސާފުގެ ދާއިރާއަށް އިތުބާރު ކުރަންތޯ 'ސަން' އިން ސުވާލު ކުރުމުން ފާއިޒް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުން ރައްޔިތުން އަދުލު އިންސާފުގެ ދާއިރާއަށް އިތުބާރު ކުރާކަމަށެވެ. " އަޅުގަނޑު ދެކޭގޮތުގައި ދިވެހި ރައްޔިތުންގެ ތެރޭގައި އެއްވެސް ޝައްކެއް ވަހުމެއް ނެތް ޝަރުއީ ދާއިރާއާ ދޭތެރޭގައި. ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުން ފުލް އިތުބާރު ކުރޭ." ފާއިޒް ވިދާޅުވި އެވެ. ފާއިޒް ވިދާޅުވީ މުޖުތަމައުގެ އަމަން އަމާން ކަމާއި މަސްލަހަތު ދަމަހައްޓަން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމަށެވެ. އަދި ތިން ބާރާ އެކު ގައުމު ކުރިއަށް ގެންދެވޭނީ ތިން ބާރު އެކީގައި މަސައްކަތް ކޮށްގެންކަމަށް ފާއިޒް ވިދާޅުވި އެވެ. ފާއިޒް ވިދާޅުވީ ގާނޫނީ ބޭފުޅުންވެސް އަދި ނޫސްވެރިންވެސް ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ޕަބްލިކަށް އެވާހަކައެއް ގެންދިއުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. " އެއްވެސް ކޯޓެއްގައި ނުވަތަ އެއްވެސް ތަނެއްގައި ކަމެއް ގޯސްކޮށް ދަނީ ކަމުގައި ވަނީ ނަމަ އެކަމެއް ޕަބްލިކާ ހިއްސާ ކުރުމުގެ ކުރިން ހިއްސާ ކުރައްވާށޭ ކަމާ ބެހޭ ފަރާތްތަކާ." ފާއިޒް ވިދާޅުވި އެވެ. ފާއިޒް ވަނީ މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ޝަރުއީ ދާއިރާއާ ގޭންގްތަކާއި ގުޅުވައި މީޑިއާގައި ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެފައެވެ. ފާއިޒް ވިދާޅުވީ ރައީސް އުކުލަވާލާފައިވާ ކޮމިޝަނެއްގެ އިސްމަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމެއް ނޫން ކަަމަށެވެ. ފާއިޒް ވިދާޅުވީ ކްރިޓިކަލީ ކަންކަމާ ދޭތެރޭ ވިސްނުމަކީ ލޯޔަރުންގެ މަސައްކަތެއް ކަމަށެވެ. ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ. "ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،" އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކިވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ. "ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ