ރީތި ބީޗު ރިސޯޓުން ކަރަންޓުގެ މައްސަލަ ހައްލުކޮށް ހިދުމަތް ފަށައިފި

ބ. އަތޮޅު ފޮނިމަގޫދޫގައި ހިންގާ ރީތި ބީިޗު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރިސޯޓުގައި ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ. އިއްޔެ ހެނދުނު 11:00 އެހާކަންހާ އިރު ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ އެއެއް އިމާރާރެއްގައި ހުންނަ ރިސޯޓުގެ އިންޖީނު ގޭގެ އާއި ވޯކްޝޮޕުގަ އެވެ. އިންޖީނު ގެޔަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ރިސޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މިއަދު އެ ރިސޯޓުން ބުނީ، ވަގުތީ ޖެނެރޭޓަރުތައް އިންސްޓޯލުކޮށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ރިސޯޓުގެ އޮޕަރޭޝަންތައް އަނެއްކާ ވެސް ފަށާފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ރިސޯޓުން ބުނީ އެ ހާދިސާއާ ގުޅިގެން ބައެއް ފަތުރުވެރިން، ރީތި ފަރު ރިސޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ގިނަ ފަތުރުވެރިން މަޑު ކުރި ކަމަށް ބުންޏެވެ. ރީތި ބީޗުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގައި ފަތުރުވެރިން ދިރިއުޅޭ ސަރަހައްދާއި މުވައްޒަފުން ތިބޭ ސަރަހައްދާ ހިސާބަށް އަލިފާން ގޮސްފައި ނުވެ އެވެ. އެ ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަދި މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަން، އެމްއެންޑީއެފްއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ. ރީތި ބީޗު ރިސޯޓާއި ރީތި ފަރު ރިސޯޓު ހިންގަނީ މެހެގަނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ރީތި ބީޗު ރިސޯޓުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ދާދި ފަހުން މާލެ އަތޮޅުގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓުގެ ހަތް ވޯޓާ ވިލާއަކާއި ރެސްޓޯރަންޓެއް ވަނީ މުޅިން އަނދާފަ އެވެ. އެ ރިސޯޓު މިހާރު ވަނީ ވަގުތީ ގޮތުން ބަންދު ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ