ޕީއެންސީ ރަޖިސްޓްރީ ކޮށްދިނުން ލަސްވާތީ މެންބަރުން ގާސިމް އަރިހަށް
ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރާ ޕީޕާލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުރަސްތައް ކުރިމަތިކުރާ ކަމަށް ބުނެ އެކަމުގައި އިސްކޮށް އުޅޭ ރައްޔިތުންގެ މަޖިލިސް މެންބަރުން އެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކާއި ޕީޕީއެމުން ވަކިވެ ޕީއެންސީ އުފެއްދުމަށް އިސްކޮށް އުޅުއްވާ އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއެކު ގާސިމް އިބްރާހިމްއާ ބައްދަލުކޮށް ނަންގަވާފައިވާ ފޮޓޯއެއް މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. އެކަމާއި ގުޅިގެން ނިހާން "ސަން" އަށް ވިދާޅުވީ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރީ ޕީއެންސީ އުފެއްދުމުގެ މަސައްކަތައް އިލެކްޝަން ކޮމިޝަނުން އެކި ގޮތްގޮތަށް ހުރަސް އަޅަމުންދާތީ މަޖިލިސް މެދުވެރިކޮށް އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ގާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރައްވަނީ --- ފޮޓޯ: ނިހާން ޕީއެންސީ އުފެއްދުން އަވަސްކުރުމުގެ ގޮތުން އިލެކްޝަން ކޮމިޝަން ކުރިމައްޗަށް އެއްވެ މުޒާހަރާވެސް ކުރެވިދޭނެކަން ނިހާން ފާހަގަކުރެއްވިއެވެ. ނަމަވެސް އެންމެ ފުރަތަމަ އެންމެ ފަސޭހަ އަދި އަމާން އޮމާންކޮށް އެކަންތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ. "އެންމެ ފަސޭހަ ކުރު ގޮތަކީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށްގެން ޖަވާބުދާރީކުރުވުން. ދެން މަޖިލިސް މިއޮތީ ރެސަސްގައި. އެހެންވީމަ ރެސަސްގައި އޮތް ވަގުތެއްގައި އެ ފުރުސަތު ފަހިކޮށްދެވޭނީ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް،" ވިލިމާލޭ ދާއިރާގެ މެންބަރުންކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ގާސިމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ. ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އެންމެ ފުރަތަމަ 4،000 ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ސައްހަވީ 1950 ފޯމު ކަން "ސަން"އަށް ވަނީ އެނގިފައެވެ. އެހެންވެ 3،000 ފޯމު ހަމަކުރަން އިއްޔެ އަލުން ވަނީ ފޯމު ހުށަހަޅައިފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް މީގެ ކުރިން ވިދާޅުވީ ޕީއެންސީއިން ހުށަހެޅި ފޯމުތައް ޗެކް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ ފަހަރަށް ފޯމު ހުށަހަޅަން ފުރުސަތު ދިނުމަކީ އެހެން ޕާޓީތަކާ މެދުވެސް އަމަލުކޮށްފައިވާ ގޮތް ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ