ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނުނެތޭނެ: ރައީސް ސޯލިޙް

ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އަދުލު އިންސާފު ޤާއިމް ވެގެންދާތަން ފެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ. 
ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ސޯލިޙް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޤާނޫނު ހިންގުމުގެ ބާރު އިސްލާހުކުރަން ޖެހޭ ކަމަށާއި ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށްދޭން ޖެހިފައިވާ ކަމަށެވެ. އަދި އައު ސަރުކާރުން ޚިދުމަތް ކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ވެގެން ނުދާނެކަމުގެ ޔަޤީންކަން ރައީސް ސޯލިޙްގެ ވާހަކަފުޅުގައި ރައްޔިތުންނަށް އެރުވިއެވެ.
ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު ރައީސް ސޯލިޙް ވިދާޅުވީ މާތް ﷲގެ ވާގިފުޅާ އެކު އެމަނިކުފާނު ކުރެއްވި ވެރިކަމުގެ ހުވާގެ މަތީގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކުރި ލިބިވަޑައިގަތް ނަމަވެސް، އެމަނިކުފާނާއި ވާދަކުރެއްވި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ވެސް ވޯޓު ދެއްވި ރައްޔިތުން ތިއްބެވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ އެދުވަހު ރައްޔިތުން ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ވޯޓު ދެއްވީ، އެ ރައްޔިތަކު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ފެނުނުގޮތަށް. މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، އެދުވަހު ތިޔަބޭފުޅުން އިޚްތިޔާރުކުރެއްވި ގޮތަކަށް ބެލުމެއްނެތި، ތިޔަ ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ," ރައީސް ސޯލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިން ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދުމަފުޅު ނުނެތޭނެކަމަށެވެ. އެގޮތުން ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ އިންސާފުގެ މަގަށް ޤައުމު ގެންގޮސް، އަމާންކަން ޤާއިމްކޮށް، ކޮރަޕްޝަން ނައްތާލުމަށްކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ ގެއްލިފައިވާ އަދި ފުރިހަމަ ނުވާ އަސާސީ ހައްޤުތައް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގެ މައްޗަށްކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ހަނދުމަފުޅު ނުނައްތަވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ކޯލިޝަން ކެންޑިޑޭޓްގެ ގޮތުގައި ކަމަށާއި، އެކަން ހުރިހާ ފަރާތްތަކުންވެސް އަބަދުވެސް ހަނދާން ބަހައްޓަން ވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.
"ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެއިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން."
ރައީސް ސޯލިޙް ވިދާޅުވީ އައު ޤާނޫނު އަސާސީއާއިއެކު ރައްޔިތުން ކުރި އުއްމީދުތައް ވިއްސި ވިހާލި ވެފައިވާކަމަށާއި، މިއަދު ކުރައްވަން ފައްޓަވާ މަސައްކަތަކީ ދައުލަތުގެ އެންމެހާ ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ގެންގޮސް އިންސާފު ޤާއިމްކުރުންކަމަށެވެ. އަދި ދައުލަތުގެ އެންމެހާ ކަންކަން އިންސާފުގެ މަގަށް މިސްރާބު ވެގެންދާ މަންޒަރު ފެންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސް ސޯލިޙް ވަނީ އަރުވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ