ދީނީ ހަރުކަށި ހިޔާލުގެ ސަބަބުން ހަނގުރާމައަށާއި ހަތިޔާރު އުފުލުމަށް މަގު ފަހިވޭ: މިނިސްޓަރު އުމަރު

އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތަށް ވުރެ ހަރުކަށި އުސޫލުތައް މީހުންގެ މެދުގައި ފަތުރަމުން ދިއުމުގެ ސަބަބުން ހަނގުރާމައަށާއި ހަތިޔާރު އުފުލުމަށް މަގުފަހިކޮށްދޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ގުރްއާނާއި ސުންނަތުގައިވާ މެދުމިނަށް ސައޫދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގައި އަމަލުކުރުން" މި ނަމުގައި ބާއްވާ މަހާސިންތާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުތައް ފެތުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. ފޮޓޯގެލަރީ: އިސްލާމިކް މިނިސްޓްރީން ބޭއްވި މަހާސިންތާ 26 ފޮޓޯ "އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ދީނީ ހިޔާލުތައް، އަޅުގަނޑުމެންގެ އަޚުން، އަދި ބައެއް ފަހަރަށް މަގު އޮޅިފައިވާ އަޚުން އެބަ ނުކުމެ ދީނުގައި ކަން އޮންނަ ގޮތަށް ވުރެ ބޮޑުކޮށްގެން ދީނުގައި އޮންނަ މިންގަނޑަށް ވުރެ ހަރުކަށިކޮށްގެން އެ ކަންކަން އެބަ އަޅުގަނޑުމެންގެ އެހެނިހެން އަޚުންނަށް ވިސްނައިދީ ނުބައި މަގަކުން އަޅުގަނޑުމެންގެ އަޚުން އެބަ ގެންދޭ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އަމަން އަމާންކަމާއި އަޅުގަނޑުމެންގެ ދާޚިލީ ހަމަޖެހުމާއި މި ސަރަހައްދުގެ ގައުމުތަކުގެ އެއް ގައުމާއި އަނެއް ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި މި ކަންކަމަށް ބުރޫ އަރައިގެން ދޭ. އަދި އެ ކަމުން ހަނގުރާމައަށާއި ހަތިޔާރު އުފުލުމަށް މަގުފަހިކޮށްދޭ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން ބޭރުން ފިއްތުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އެތެރެ އިން ވެސް ފިއްތުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. މަހާސިންތާ ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު އުމަރު ވާހަކަ ދައްކަވަނީ. --ފޮޓޯ އިސްލާމިކް މިނިސްޓްރީ "މިއީ ހައްދުފަހަނަޅައި ދިއުމުގެ ވިސްނުމާއި ދީނުގައި ކަންކަން އޮންނަ ގޮތް ނޫން އެއަށް ވުރެ ހަރުކަށި އުސޫލުތަކެއް ގެންގުޅޭތީވެ އަޅުގަނޑުމެންގެ ދީނަށާއި އަޅުގަނޑުމެންގެ ގައުމަށް އަންނަ ގޮންޖެހުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އަންނަ ނުރައްކާތަކެއް. މިއީ މުޅި ދުނިޔެ ވެސް ކުރިމަތިލަމުންދާ ކަމެއް. ހަމައެކަނި މުސްލިމް ގައުމުތަކެއް ނޫން. ޣައިރު މުސްލިމް ގައުމުތައް ވެސް ވަނީ މި ކަމުގެ ޝިކާރައަކަށް ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ. އެ ކަމުގެ މައިގަނޑު އެއް ހައްލަކަށް ވާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފަސްގަނޑަކަށް އިސްލާމް ދީން ބާވައިލެއްވި ފަސްގަނޑުގެ އެންމެ މަތީ ދީނީ ދަރުސްތައް އުނގަންނަވައިދެއްވާ އާލިމުން ތަމްރީންކުރައްވާ އިސްލާމިކް ޔުނިވާސިޓީ ފަދަ ތަންތަނުން ވަޑައިގެން، ދީނުގައި ކަންކަން އޮންނަ ގޮތް އަޅުގަނޑުމެންނަށް އޮޅުންފިލުވައިދިނުމެވެ. އަދި މި މަހާސިންތާއަކީ އެކަމަށް މަގު ފަހިކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމްދީނަކީ މުޅި ދުނިޔެ އަށް ނިސްބަތްވާ ދީނެއް ކަން ރަމްޒުކޮށްދޭ އެއް ހެއްކަކީ، ސައޫދީ އަރަބިއްޔާ ފަދައިން ދިވެހިރާއްޖޭގައި ވެސް ސައްތަ އިން ސައްތަ އިސްލާމީ މުޖްތަމައެއް އޮތުމެވެ. "މި ދަންނަވާ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ކަހަލަ ކުޑަ ގައުމެއް އިންޑިޔާ ކަނޑުގެ ތެރޭގައި އެތައް ސަތޭކަ އަހަރެއް ވަންދެން އޮތް އޮތުމަކީ ވެސް މުއުޖިޒާތެއް ކަމުގައި ވެސް ބުނެވިދާނެ. ވަރަށް ގިނަ ތަފާތު ގައުމުތަކުގެ ވަކިތަކުން މިންޖުވެ ދިވެހިރާއްޖެ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރު އޮތް އޮތުމަކީ އަޅުގަނޑުމެން އެންމެން އެކަމާ މެދު ފަޚުރުވެރިވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން ދިމާވާ ގޮންޖެހުންތަކަށް ބައްލަވާލައްވަމުން، އުމަރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ކުރިމަތިވި ގޮންޖެހުންތަކާއި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފާތެވެ. އެ ގޮތުން، ހުރިހާ ދީންތަކަށް ރާއްޖެ ހުޅުވާ ނުލައިގެން ބައެއް ގައުމުތަކުން ރާއްޖެ އަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެފަދަ ކޮންމެ ދަނޑިވަޅެއްގައި "އަޅުގަނޑުމެންގެ ބޭބެ ނުވަތަ އަޅުގަނޑުމެންގެ ސައޫދީ އަރަބިއްޔާގެ އަޅުގަނޑުމެންގެ އަޚުން ވަޑައިގެން އަޅުގަނޑުމެންގެ އަތުގައި ހިއްޕަވާ ކަމީ އަޅުގަނޑުމެން އެކަމާ މެދު ވަރަށް އުފާކުރާ ކަމެއް" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މުޖްތަމައުގައި ސައޫދީ މިހާރު އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ސައޫދީ އަރަބިއްޔާ ނުކުމެ ދުނިޔޭގައި ލީޑްކުރަން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. މަހާސިންތާގައި ބައިވެރިވާ ރާއްޖޭގެ ބައެއް އިލްމުވެރިން. --ފޮޓޯ އިސްލާމިކް މިނިސްޓްރީ "އަޅުގަނޑުމެންނަށް އެބަ ފެނޭ އައު ރޫހެއް، އައު ޖޯޝެއް ސައޫދީގެ ރަސްކަމުގެ ތެރެއިން ސައޫދީ ރައްޔިތުންގެ ތެރެއިން. މި ފޯރަމް އެކަނިވެސް މިއީ އެކަމުގެ މިސާލަކަށް އެކަމުގެ ހެއްކަކަށް ފުދޭ ކަމެއް. އަޅުގަނޑުމެން އަޅުގަނޑުމެންގެ އަޚް ސައޫދީގެ އަރިހުން އެދޭނީ ތިޔަ ލީޑާޝިޕް ރޯލް އަބަދުވެސް ދުނިޔެ އަށް ދައްކަވައިދެއްވަމުން ގެންދެވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. ސައޫދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ވަރަށް ގާތް ގުޅުމެއް ކަމަށާއި މި ގުޅުން ދެމެހެއްޓުމަށް ދެ ގައުމުން ވެސް ވަރަށް ސަމާލުކަން ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެ އާއި ސައޫދީއާ ދެމެދު އެތައް ސަތޭކަ މޭލެއްގެ ދުރުމިން ހުރި ކަމުގައި ވިޔަސް ދެ ގައުމަކީ އެއް އާއިލާއެއްގެ އެއްބަނޑުއެއްބަވާ ދެ ގައުމު ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި މަގު އޮޅިފައިވާ އަޚުންނަށް މަގު ފެނިގެން ދިއުމުގެ ފުރުސަތު މި މަހާސިންތާގެ ސަބަބުން ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ އަޚުންގެ ތެރެއިން މަގު އޮޅިދާނެ ކަމުގެ ފުރުސަތު އޮތް މީހުންނަށް ރަނގަޅު މަގު ފެނުމުގެ މަގު ވެސް ތަނަވަސްވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ގުޅިގެން މިއަދު ބާއްވާ މަހާސިންތާގައި 13 ކަރުދާހެއް ހުށަހަޅައި، ދެ ގައުމުގެ އިލްމުވެރިންގެ މެދުގައި ބަހުސްކުރާނެ އެވެ. މި މަހާސިންތާގައި ކަރުދާސް ހުށަހަޅުއްވާނީ ރާއްޖޭގެ ހަތް އިލްމުވެރިއަކާއި ސައޫދީ އަރަބިއްޔާގެ ހަ އިލްމުވެރިއެކެވެ. ރާއްޖޭން ކަރުދާސް ހުށަހަޅުއްވާ ބޭފުޅުންނަކީ، ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމާއި ޑރ. އަހްމަދު ޒިޔާދު ބާގިރާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޝައިޚް އިބްރާހީމް އަހްމަދާއި ޝައިޚް އިސްހާގް މުހައްމަދު ފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ