ކަރަންޓު ކެނޑިފައިވާ ތިނަދޫގައި ދިރާގުން ފޯނު ޗާޖުކޮށްދެނީ

އިންޖީނުގޭގައި އަލިފާން ރޯވެ ކަރަންޓުގެ ހިދުމަތް ކެނޑި ހާލުގައި ޖެހިފައިވާ ގދ. ތިނަދޫގައި އުޅޭ މީހުންގެ މޯބައިލް ފޯނު ފޯނު ޗާޖުކޮށްދިނުމާއި ބޯ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މުއާސަލާތީ އެންމެ ބޮޑު ކުންފުނި، ދިރާގުން މިއަދު ފަށައިފި އެވެ. ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ފޯނު ޗާޖުކޮށްދެނީ ދިރާގުގެ ކަސްޓަމަރުންނަށް އެކަނި ނޫން ކަމަށާއި އެންމެންނަށް ވެސް މި ހިދުމަތް ދޭނެ ކަމަށެވެ. ދިރާގުން ތިނަދޫއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަނީ.--ފޮޓޯ:ދިރާގު "ފޯން ޗާޖުކޮށްދެނީ މުޅި ރަށަށް. ވަކި ކަސްޓަމަރުންނަކަށް ނޫން. އަޅުގަނޑުމެން މަރުހަބާ ވެސް ކިޔާނަން މިފަދަ ހާލަތެއްގައި މުއާސަލާތީ ހިދުމަތް އެންމެންނަށް ފޯރުކޮށްދިނުމަށް،" އިމްޖާދު ވިދާޅުވި އެވެ. ފޯން ޗާޖުކޮށްދެނީ ތިނަދޫގައި ހުންނަ ދިރާގުގެ އޮފީހުގައި ބަހައްޓާފައި ހުރި ބެކްއަޕް ޖަނަރޭޓަރަކާއި ބެކްއަޕް ޕަވާ މެދުވެރިކޮށެެވެ. "މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ހިދުމަތްތައް ވީ އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް އެބަކުރަން،" އިމްޖާދު ވިދާޅުވި އެވެ. އިމްޖާދު ވިދާޅުވީ ކޯސްޓްގާޑުގެ އެހީއާ އެކު ތިނަދޫއަށް 500 ކޭސް ފެން ފޮނުވާފައިވާނެ ކަމަށެވެ. އާބާދީގައި 10000 އުޅޭ ތިނަދޫގައި ހުންނަ ފެނަކަ އިންޖީނުގައި އަލިފާން ރޯވުމުގެ ސަބަބުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ. ރަށުގެ ކަރަންޓުގެ ހިދުމަތް ދެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ