ނިމިގެންދިޔަ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް މިސަރުކާރުގައި ބަލަން އެދުނު ނަމަވެސް އެކަން ނުކުރާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުންކަމަށް ކުރީގެ ރައީސް ނަޝީދާއި އެމްޑީޕިން ބުނެފައިވާތީ އެ މައްސަލަ ރައީސް ވަހީދުގެ ސަރުކާރުގައި މިނިވަން ކޮމިޝަނަކުން ބެލުމަށްފަހު ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ނިންމާފަ އެވެ. ނަމަވެސް ރައީސް ވަހީދުގެ ސަރުކާރު ބަދަލުވެ ޔާމީން ވެރިކަމާއި ހަވާލްވެވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ އަލުން ބެލުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
މިމައްސަލައިގައި މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ހަތެއް ފެބުރުއަރީގެ ހާދިސާއަކީ "ވަރަށް ސާފު މައްސަލައެއް" ކަމަށެވެ.
ހަތެއް ފެބުރުއަރީ އަކީ ބަޣާވާތެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އުމަރު ނަސީރު ވިދާޅުވީ އެ މައްސަލަ އަލުން ބަލަން ބަޔަކު އެދުނު ނަމަވެސް މިސަރުކާރުން އެކަން ނުކުރާނެ ކަމަށެވެ.
ދައުލަތުގެ ހުރިހާ ރިސޯސެއް ބޭނުން ކޮށްގެން ބޭރުގެ ފުރިހަމަ އެހީތެރިކަން ހޯދައިގެން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން އެ މައްސަލަ ބަލާފައިވާ ކަމަށާ އެކަމާއި އުފައްދަންޖެހޭ އެއްވެސް ސުވާލެއް އިތުރަށް އޮވެގެން ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަތެއް ފެބުރުއަރީ ފާހަގަކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާ ދިވެހި ރައްޔިތުންނާއި ސިފައިންނާއި ފުލުހުން ގާނޫނާއި އިސްލާމްދީންގެ ހިމާޔަތުގައި އެދުވަހުވެފައިވާ ގުރުބާނީ ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އެދުވަހަކީ ދިވެހިންނަށް ފަހުގެ ތާރީހެއްގައި އަނެއްކާވެސް ބޮޑު ނަސްރެއް ލިބުނު ދުވަހެއް ކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވި އެވެ.
"އެކަން އޮތީ ބަލާ ނިމިފައި. ކޯނިން އެއޮތީ ރިޕޯޓު ނެރެފަ 7 ފެބްރުއަރީއަކީ ބަޣާވާތެއް ނޫން. ގާނޫނު އަސާސީ ހިމާޔަތް ކުރުމަށްޓަކާ ދިވެހި އެންމެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ނުކުމެ ގާނޫނު އަސާސީ ނެގެހެއްޓި ދުވަސް އެއީ. އަޅުގަނޑުމެން އިތުރަށް ބަލަންޖެހޭ މައްސަލައެއް ނޫން މިމައްސަލައަކީ. އަޅުގަނޑުމެން ކަމެއް ކުރަންޏާ އެދުވަސް އަޅުގަނޑުމެން ފާހަގަކޮށް އަޅުގަނޑުމެން ރައްޔިތުންގެ ތެރޭގަ ގާނޫނު އަސާސީއަށް ބޯލެބުމުގެ ރޫހު އާލާކުރުމަށް އެދުވަސް ފާހަގަކުރުން އެންމެ ރަގަޅީ" އުމަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމުން އެމްޑީޕީއާއި ކުރީގެ ރައީސް ނަޝީދު ވަނީ އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ ސަރުކާރު ބަލައިނުގަތުމަށް ނިންމާފަ އެވެ. އަދި ރައީސް ވަހީދުގެ 21 މަސްދުވަހުގެ ވެރިކަން ނިމިގެންދިޔައިރު އެމްޑީޕިއަށް ނިސްބަތްވާ ކައުންސިލްތަކާއި އެޕާޓީން ވަނީ ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލާ ސަރުކާރާއި ދެކޮޅަށް އެކި ފަހަރު އެކި ކަންކަމުގައި މުޒާހަރާކޮށްފަ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތެއް ނުބަލާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ