ރައީސް ވަހީދާއެކު ތިން ޕާޓީން ކޯލިޝަން ހެދިޔަސް ޕީޕީއެމް ބިރެއް ނުގަނޭ: މައުމޫން

ރައީސް ވަހީދާއެކު ބައެއް ސިޔާސީ ޕާޓީތަކުން ސަރުކާރުގައި ބައިވެރިވެ ކޯލިޝަން ހެދީ ވަކި ބޭފުޅަކަށް ތާޢީދުކޮށްގެން ތިބެން ނޫންކަމަށް ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ އެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ އައްޑޫގައި ޕީޕީއެމްގެ ހަރަކާތްތަކެއް ހިންގުމަށް އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހް މިއަދު މާލެވަޑައިގެން ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުނެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަވައިގެން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެއްސި ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަޙްމަދު މަޤާމުން ދުރުކޮށްފައިވަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށެވެ. ރައީސް ވަހީދުގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވީ ކެނބިނެޓަށް ވަޒީރުން އައްޔަންކުރުމާއި ވަޒީރުން ދުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނަމަވެސް ޖަމީލާމެދު ރައީސް ވަހީދު ޢަމަލު ކުރައްވާފައިވަނީ ހަމަޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
ރައީސް ވަހީދުގެ އެ ނިންމުމާއި ގުޅޭގޮތުން ރައީސް އޮފީހުން މީޑިޔާގައި ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަ ބަލައި ނުގަނެވޭނެ ވާހަކަތަކެއްކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރުގައި ޕީޕީއެމްއިން ބައިވެރިވި ގޮތަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޖަމީލް ވަކިކުރި ގޮތުން ވަހީދުގެ ސަރުކާރުގައި ޕާޓީތަކުން ބައިވެރިވީ ވަކި ބޭފުޅަކަށް ތާޢީދުކޮށްގެން ތިބެން ކަމަށްހީވާ ކަމަށާ ނަމަވެސް ޕީޕީއެމްއިން ސަރުކާރުގައި ބައިވެރިވީ ވަކި ބޭފުޅަކަށް ތާޢީދުކޮށްގެން ތިބެން ނޫން ކަމަށެވެ.
"މިސަރުކާރުގައި އެއްވެސް ޕާޓީއަކުން ބައިވެރިވީ ވަކި ބޭފުޅަކަށް ތާއީދުކޮށްގެން ތިބޭކަން ނޫން ދެއްތޯ؟ އެހެންކަމުން މި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން އިނގޭތޯ" މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް މައުމޫން ވަނީ ރައީސް ވަހީދާއެކު ކޯލިޝަން ހަދާފައިވާތީ އެކަމަށްވެސް ރައްދުދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
މައުމޫން ވިދާޅުވީ ރައީސް ވަހީދާއެކު ތިން ޕާޓީއަކުން ކޯލިޝަން ހެދުމަކީ ޕީޕީއެމްއިން ބިރުގަންނާނެކަމެއް ނޫންކަމަށާ އެކަމާއި ޕީޕީއެމްއިން ކަން ބޮޑުނުވާ ކަމަށެވެ. ރައީސް ވަހީދުގެ ކޯލިޝަންގައި އަދިވެސް ޕީޕީއެމްގައި ތިބި މިންވަރަށް މެންބަރުން ނެތްކަމަށާ އެހެންކަމުން އެކަމާއި ގުޅޭގޮތުން ޕީޕީއެމްއިން އިތުރު ވާހަކަދައްކަން ބޭނުންނުވާ ކަމަށް ވެސް ކަމަށެވެ.
ރައީސް މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީންއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާނެކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ޕީޕީއެމްއިން ކޯލިޝަންގެ ދޮރު ހުޅުވާލާފައި ނުވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ހަޤީޤަތުގައި ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ނޯންނާނެ ކަމަށެވެ. ފުރިހަމަ ރިޔާސީ ނޒާމެއް އޮންނަ އެއްވެސް ޤައުމެއްގައި ކޯލިޝަން ސަރުކާރެއް ހަދާފައިނުވާނެކަމަށާ އެހެންކަމުން ކޯލިޝަން ސަރުކާރެއްގެ މުހިންމުކަން ބޮޑު ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.
"ތިޔަބޭފުޅުން އަޑުއެއްސެވިންތޯ އެމެރިކާގައި ކޯލިޝަން ސަރުކާރެއް އެކުލަވާލި ވާހަކަ. ނާހަމު ދެއްތޯ؟ ހަޤީޤަތުގައި ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން. އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އައްޑޫއަށް ޕީޕީއެމްއިން ކުރި ދަތުރު ވަރަށް ކާމިޔާބުކަމަށާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވަނަ ހޯދާނީ ޕީޕީއެމްއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ