ހުޅުމާލޭގައި ގައުމީ ފުޓްބޯޅަ ދަނޑާއި އެއްފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދެ ދަނޑު ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ހައްދަވައިދެއްވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޤާސިމްގެ ތަސައްވުރު ހާމަކޮށްދެއްވީ ހުޅުމާލޭގެ ޒުވާނުންގެ އެދުމުގެ މަތިން ޖުމްހޫރީ ގުޅުމުން އިންތިޒާމްކޮށްދިން ޖުމްހޫރީ ބައިބަލާ ޗެލެންޖް 2013 ފެށުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
މިރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ވެސް ކުޅިވަރަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުވެސް ތިބޭފުޅުން ފަދައިން ޒުވާން ދުވަސްވަރު ތަފާތު ކުޅިވަރުތައް ކުޅެ އުޅުނިން. އަދި އަބަދުވެސް އަމިއްލަ ހައިސިއްޔަތުން ވެސް ކުޅިވަރު ކުރިއެރުވުމަށް ތަފާތު ހޭދަތައް ކުރަމުން މިދަނީ އަޅުގަނޑަށް އެކަން ކޮށްދެވޭ މިންވަރަކުން" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުޅިވަރު ކުޅެ އުޅުމަކީ ޒުވާނުން ހަރަކާތްތެރި ކުރުވާ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޒުވާނަކު މާޔޫސްވެގެން ދާން ނުޖެހޭނެ ކަމަށާއި، ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެ ވަޑައިގަންނަވާ ފަދައިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ޒުވާނުންނަށްޓަކައި ކުޅިވަރު ކުރިއެރުވުމާއި ތަރައްގީ ކުރުމަށް މީގެ އެތައް އަހަރެއް ކުރިން އެމަނިކުފާނު ފެއްޓެވި މަސައްކަތް މިއަދުވެސް މެދުކެނޑުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ހުޅުމާލޭގެ ކުޅިވަރު ތަސައްވުރު ހާމަކޮށްދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ފުޓްބޯޅައިގެ ގައުމީ އިދާރާގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ހުޅުމާލޭގެ ޒުވާނުންނަށް ގިނަ ގުނަ ފުރުސަތުތަކެއް ކުޅިވަރާއި ވަޒީފާގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށެވެ.
ބައިބަލާއަކީ ހުލުމާލޭގައި ކޮންމެ އަހަރެއްގެ ބޮޑު އީދާއި ގުޅުވައިގެން ބާއްވާ މުބާރާތެކެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ތިން އަހަރު ހުޅުމާލޭގައި ބައިބަލާ ބޭއްވުމުގެ ފުރުސަތު ލިބިފައިނުވާތީ ގާސިމްގެ އަރިހުގައި ހުޅުމާލޭގެ ޒުވާނުން އެދުނު އެދުމުގެ މަތިން ކޮންމެ އަހަރަކު ވެސް މިފަދަ މުބާރާތެއް ބާއްވައިދިނުމަށް ގާސިމް ހަމަޖައްސަވައިދެއްވާފައިވާ ކަމަށް މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުމާލޭގެ ޒުވާނުން ބުނެ އެވެ.
ގަލޮޅު ދަނޑާއި އެއް ފެންވަރުގެ ދަނޑެއް ހުޅުމާލޭގައި ހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ