ހައްޔަރުކުރި ހުރިހާ ނޫސްވެރިން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

ފުލުހުން ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނުގޮވާ ގޮތް ހަދަން މާފަންނު ސްޓޭޑިއަމް އަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްގެން އުޅުނު ވަގުތު އެތަނުން ހައްޔަރުކޮށްފައި ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ އާއި ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރެވެ. ރޭ އިރާކޮޅު ހައްޔަރުކުރި ތިން ނޫސްވެރިން ދޫކޮށްލަން ކޯޓުން އަމުރުކުރީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު މެންދުރު ފަހު ކޯޓަށް ހާޒިރުކުރުމުންނެވެ. ކޯޓުން ނިންމާފައި ވަނީ އެ ނޫސްވެރިން ބަންދުކޮށްފައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައީސްގެ ކާރުކޮޅާއެކު ދަތުރުކުރާ ޖޭމާ ވެހިކަލް ސްޓޭޑިއަމްގެ ތެރޭގައި ބާއްވާފައި އޮތް އިރު ބޮން ޑިފިއުޒްކުރާ ސިފައިންގެ މީހުން ހަރަކާތްތެރިވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެތަނުން އެކަކު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިގެން ކަމަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްޔަރުކުރި ނޫސްވެރިންނަށް އަނިޔާކުރި ކަމަށް އެ މީހުންގެ ވަކީލް ވިދާޅުވި ނަމަވެސް އެކަން ފުލުހުން ދޮގުކުރެ އެވެ. ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި ނޫސްވެރިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުން ނުދައްކާ ކަމަށެވެ. އަދި ހައްޔަރު ކުރުމާއި ހައްޔަރުކޮށްގެން ގެންދިއުމުގެ ތެރޭގައި ވެސް ނޫސްވެރިންނަށް އަނިޔާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ