ދެ އަހަރު ނުވާ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
ށ. ފުނަދޫ މޫދުގައި އުމުރުން އެއް އަހަރާ ނުވަ މަހުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުނަދޫގައި ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މިހާރު ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު "ސަން" އަށް ވިދާޅުވީ އެކުއްޖާ މޫދުގައި އޮއްވާ ފެނުނީ އެކުއްޖާގެ މަންމައަށް ކަމަށެވެ. އަދި ފަސް ވަރަކަށް މިނެޓު ތެރޭގައި ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެކުއްޖާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އަހްމަދު ވިދާޅުވިއެވެ. އަހްމަދު ވިދާޅުވީ އެ ގެއަކީ މޫދާ ވަރަށް ކައިރީގައި ހުންނަ ގެއެއް ކަމަށާއި، ކުއްޖާ ގޭގައި ނެތްކަން އެނގުނީ އަސުރު ނަމާދު ކުރުމަށް އެކުއްޖާގެ މަންމަ ވުޟޫ ކޮށްގެން ފާހާނާއިން ނުކުތުމުން ކަމަށެވެ. "ވުޟޫ ކޮށްލައިގެން ފާހާނާއިން ނުކުތް ތަނުން ގޭގަ ތިބި އެހެން ކުދިން ބުނީ ކޮއްކޮ ނެތޭ ގެއަކު. ދެން ދުވެފަ މޫދާ ދިމާލަށް ދިޔަ އިރު މި ފެނުނީ މޫދުގައި އޮއްވާ،" އަހްމަދު ވިދާޅުވިއެވެ. އަހްމަދު ވިދާޅުވީ އެ އަންހެން މީހާގެ ހަތަރު ކުދިން ތިބޭ ކަމަށާއި، މިއަދު ނިޔާވީ އެންމެ ހަގު ކުއްޖާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ