ކަނޑުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ދިރާސާތަކެއް!

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކަނޑުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާބެހޭ ދިރާސާތަކެއް މިއަހަރުތެރޭ ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ، "އާރ.އީ.އެމް 2016"ގެ ނަމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަގުފަހިކުރުމާބެހޭ ގޮތުން ސަރަޙައްދީ ފެންވަރުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ސިމްޕޯޒިއަމް ނިންމާލުމަށްފަހު، ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
"ރިނިއުބަލް އެނަރޖީ އިންޓެގްރޭޝަން ވިތް މިނީ / މައިކްރޯގްރިޑް ސިސްޓަމްސް" އާރ.އީ.އެމް 2016 ސިމްޕޯޒިއަމްއަކީ ހަކަތައިގެ ދާއިރާގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި ގޮންޖެހުންތައް ޙައްލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި، އުފެއްދުންތަކުގެ މަޢުލޫމާތު ސަރަހައްދީ ޤައުމުތަކުގެ މެދުގައި ޙިއްސާކުރުމަށް ބޭއްވި ސިމްޕޯޒިއަމްއެކެވެ. މައިގަނޑު 3 ދާއިރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސިމްޕޯޒިއަމްގައި އެކި ޤައުމުތަކުން ހުށައެޅި ކަރުދާސްތައް ދިރާސާކޮށް، ސަރަޙައްދީ ފެންވަރުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ހިންގިދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ. img:http://s1.psmnews.mv/images/660x400/14612474991625.jpg|އާރ.އީ.އެމް 2016 ސިމްޕޯޒިއަމްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް
އެގޮތުން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމާއި، އިއާދަކުރަނިވި ހަކަތައް ބޭނުންކުރުމަށް ޢާއްމުންނަށް ބާރުއެޅުމާއި، އެފަދަ މަޝްރޫޢުތައް ހިންގުމަށް ފައިސާ ޚަރަދުކުރާނެ ގޮތްތަކުގެ އުޞޫލުތައް ކަނޑައެޅުމާމެދުވެސް ބައިވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ސިމްޕޯޒިއަމް ނިންމާލުމަށްފަހު ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށްޓަކައި ކަނޑުގެ ހަކަތަ ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިހާތަނަށް މާބޮޑު ދިރާސާތަކެއް ކުރެވިފައިނެތް ނަމަވެސް، މި ބައްދަލުވުމުގެ އަލީގައި އެކަމަށް އިތުރު ދޮރުތަކެއް ހުޅުވިއްޖެކަމަށެވެ. އެގޮތުން މި ސިމްޕޯޒިއަމްގެ ތެރޭގައި އޭ.ޑީ.ބީއާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ރާއްޖޭގައި ކަނޑުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ބެހޭ ދިރާސާތައް އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ފެށުމަށް ހަމަޖެހިފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ ތިމާވެށީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލުކުރަމުންދާ ޤައުމެއްގައި މިފަދަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީތީ އެކަމާއި ހިތްހަމަޖެހޭ ކަމަށާއި، ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި، އެޕްލައިޑް އެނަރޖީ ޖާރނަލްގެ ފަރާތުންވެސް ވަނީ ބުނެފައެވެ.
އާރ.އީ.އެމް 2016" ސިމްޕޯސިއަމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީން އިސްނަގައިގެން، އެޕްލައިޑް އެނަރޖީ ޖާރނަލްއާއި، އެޕްލައިޑް އެނަރޖީ އިނޮވޭޝަން އިންސްޓިޓިއުޓާއި، އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން 3 ދުވަހުގެ މުއްދަތަކަށް ޕްރެޑައިޒް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމްއެކެވެ. އެގޮތުން މި ސިމްޕޯޒިއަމްގައި ރާއްޖޭގެ އިތުރުން 21 ޤައުމެއް ހިމެނޭހެން 140 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މި ސިމްޕޯޒިއަމް ނިންމާލުމުގެ ގޮތުން ސިމްޕޯޒިއަމްގެ ބައިވެރިން ވަނީ ކ. ދިއްފުށީގައި ހުންނަ އިންޖީނުގެއަށް ޒިޔާރަތްކޮށް، އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ޗަޕާން ސަރުކާރާއި ގުޅިގެން އެރަށުގައި ހިންގަމުންދާ މަޝްރޫޢުއާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ