ނިވިގެން އެދިޔައީ އިލްމީ ދަންމަރެއް: އަބްދުﷲ ޝާހިދު

ކަންތަކުގައި މަޝްވަރާ ކުރެއްވެވުމުގައި ވަކި އުމުރެއް، ވަކި ފަންތިއެއް، ވަކި އިންތިއެއް އަލްމަހްރޫމް ޑރ.އަބުދުލް މަޖީދު އަބްދުލް ބާރީ ނުބައްލަވާ ކަމަށާއި ނިވިގެން އެދިޔައީ އަލިގަދަ އިލްމީ ދަންމަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަކިވެވަޑައިގަތީ މުޅި ދިވެހިރާއްޖެއަށް ކުއްލި ސިހުމެއް ގެނުވާފަކަމަށާއި އެ ދުވަހަކީ މުޅި ރާއްޖެ ރޮއްވާލި ދުވަހެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ލޮބުވެތި އަނބިކަބަލުންނާއި ބޭފުޅުންނާއި އާއިލާއަށް މިކަމުން ލިބޭނޭ ފުން ހިތާމަޔާއާއި އަސަރު އިތުރު މީހަކަށް ވަޒަން ކުރަން ވެސް ނޭނގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތައުބީނު ޖަލްސާގައި ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކީވެސް އިލްމީ ކަރު ހިއްކުންތަކަށް ޑރ. މަޖީދުގެ ތަނަވަސް އިލްމީ ކޯރުތަކުން ކަރުތައް ތެންމާލުމުގެ ނަސީބު ލިބިލައްވާފައި ބޭފުޅެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ވަކިވެގެން އެދިޔައީ ޚުލްގު ހެޔޮ މަޑުމައިތިރި އުސްތާޒެއްކަމަށާއި އަދި އާލިމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެ ރޮއްވާފައި، ރާއްޖޭގެ ރައްޔިތުނަށް ފުންހިތާމައެއް ލިބިގެން ދިޔައީ އެފަދަ އާލިމެއް ވަކިވެވަޑައި ގަތީމާކަމަށް ވިދާޅުވިއެވެ. އަދި ޑރ. ބާރީ އަކީ ކެތްތެރިކަމާއެކު ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވާ، ކެތްތެރި ކަމާއެކު އެކަންތައްތައް މީހުންނަށް އޮޅުން ފިލުވައި ދިނުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގައި ކީރިތި ގުރުއާން ފެތުރުމަށް ރައީސް މައުމޫނުގެ ސަރުކާރުގައި އެކުލަވާލެވުނު ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް އެންމެ އެކަށީގެންވާ ރައީސެއް ހޮވުމުގައި އެތައް ބައެއްގެ ތެރެއިން، ނަން ވިދާލީ ޑރ.ބާރީގެ ނަން ކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު އެ މަނިކުފާނު ހިންގެވި އިރު، ވަރަށް ގާތުން އެބޭފުޅާގެ މަސައްކަތް ދުށުމުގެ ނަސީބު ލިބިލެއްވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެ މަނިކުފާނަކީ ހިވާގި، މުރާލި، ގަޑިން ގަޑިއަށް މަސައްކަތް ފުރިހަމަ ކުރަށްވާ، ކުރައްވަން ޖެހޭ ކަމެއް ކުރައްވާފައި ނޫނީ ފަސްޖެހި ވަޑައި ނުގަންނަވާ، އިލްމު ފެތުރުމުގައި ހައްގު ބަސް ވިދާޅުވާ ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނަކީ ކީރިތި ގުރުއާނުގެ މަރުކަޒުގެ ސަބަބުން ދިވެހިރާއްޖޭގައި ގުރުއާނުގެ އިލްމު ފެތުރުމުގަ އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދު، ޑރ. ބާރީ ސިފަ ކުރެއްވީ ހައްގުބަސް ވިދާޅުވުމުގައި ދެވަނައެއް ނުވާ ބޭފުޅެއްގެ ގޮތުގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ