ލިޔެކިޔުމުން އެއްބަސްވެގެން ހަށިވިއްކުމުގެ ވިޔަފާރީގައި ރާއްޖޭގައި ކުޑަކުދިން ބޭނުންކޮށް އެކުދިންގެ މައިންބަފައިން އާމްދަނީ ހޯދަމުންދާ ކަމަށް މިނިސްޓާ އޮފް ޖެންޑާ އެންޑް ހިއުމަން ރައިޓްސް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
މިއަދަކީ ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަސް ކަމަށްވާތީ މީޑިއާ މެދުވެރިކޮށް ދެއްވި ހާއްސަ ހިތޯބެއްގައި އާޒިމާ ވިދާޅުވީ އުމުރުގެ ގޮތުގައި ބަލާ 18 އަހަރުން ދަށުގެ ކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުން ރާއްޖޭގައި އިތުރުވެފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ ބައެއް ކުޑަކުދިންނަކީ މިއަދު ވިޔަފާރީއަށް ބައެއް މީހުންނަށް ޖިންސީ އެދުން ފުއްދައިދޭ "ސެކްސް ވޯކާސް" ގެ ގޮތުގައި ބެލެވޭ ކުދިން ކަމަށާއި ހަށިވިއްކާ ތަންތަނުގައި ވެސް ކުޑަކުދިން ގެންގުޅުން އާންމުވެފައިވާ ކަމަށެވެ. މިކަމުގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެފައިވާ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
"މިއީ މި އުމުރު ފުރާގައި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް މުޖްތަމައުގައި އާންމު ވެދާނެ ކަމުގެ ބިރުވެރި އިންޒާރެއް. ވުމާއެކު، މިކަމަށް ހޭއަރައި ނުރައްކަލުން ސަލާމަތް ވުމަށް ބޮޑެތި މަސައްކަތްތަކެއް އަވަސް ގޮތެއްގައި މިހާރު މިވަނީ ކުރަން ޖެހިފައި،" އާޒިމާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި ވެކްސިން ނުދިނުމާއި ތައުލީމު އުނގެނުމުން ކުދިން މަހުރޫމް ކުރުމާއި އަދި ޅައުމުރުގައި ކައިވެނި ކުރުމުގެ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދިން ބިކަވެ ޖިންސީ ޝިކާރައަކަށް ވެގެންދަނީ މައިންބަފައިންގެ އިހްމާލުންކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި، އެފަދަ މައިންބަފައިންނާ މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލުތަކެއް ތައާރަފުކުރުން އަވަސް ކުރަންޖެހިފައިވާ ކަމަށެވެ.
އާޒިމާ ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ވުރެ މިއަހަރުގެ އެމުއްދަތުގައި ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް 20 ޕަސެންޓް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާގެ 208 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 43 މައްސަލައަކީ ކުޑަކުދިންނަށް ޒިންމާވާންޖެހޭ ފަރާތްތަކުން އިހްމާލުވެގެން ހުށަހެޅިފައިވާ މައްސަލަތަކެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
ދަރިން ލައްވާ ހަށިވިއްކުވައިގެން މައިންބަފައިން އާމްދަނީ ހޯދާ - އާޒިމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ