ބޮޑު ޗުއްޓީއާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކޮށް މާލެ ހިމެނޭ ސަރަޙައްދު ބެލެހެއްޓުން އިތުރުކުރުމަށް މަސައްކަތްތަކެއް ދަނީކުރަމުން: ޗީފް އެސްޕީ ހަމްދޫން ރަޝީދު

ކުރިއަށް އޮތް ބޮޑު ޗުއްޓީ އާދިމާކޮށް ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމާއި މާލެ ހިމެނޭ ސަރަހައްދު ބެލެހެއްޓުން އިތުރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.
ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު، ޕޮލިސް ލައިފްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލުތަކުގެ ކިޔެވުން ނިމި ލިބޭ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ދިގުމުއްދަތަކަށް ދަތުރުކުރަމުންދާކަމަށެވެ. އެހެންކަމުން ޗުއްޓީއަށް ދިޔުމުގެ ކުރިން ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ސަރަޙައްދުގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްތަކުގައި ޗުއްޓީއަށް ދިގު މުއްދަތަކަށް ދާކަމުގައިވާނަމަ ގެދޮރާއި މުދަލުގެ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުލުހުން މަޢުލޫމާތު ދެމުންދާކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުންނަށް ހަނދާންކޮށްދެމުންދާ މައިގަނޑު އެއް ސަބަބަކީ ދިގު މުއްދަތަށް ޗުއްޓީއަށް ދިޔުމަށްފަހު ވައްކަމެއް ހިނގައިފިނަމަ އެފަދަ މައްސަލައެއް ރިޕޯޓް ކުރެވިގެންދަނީ ޗުއްޓީން އެނބުރިއައުމަށް ފަހު ކަމަށްވެފައި، މިފަދަ މައްސަލަތައް ތަހުޤީޤު ކުރުމުގައާއި އެހެން ގޮތްގޮތުން ހޯދޭ ތަކެތި ހަވާލުކުރުމުގައިވެސް ފުލުހުންނަށް ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަންކަން ހައްލުކޮށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންކަމުގައި ވިދާޅުވިއެވެ.
ހަމައެއާއެކު ބަންދާ ދިމާކޮށް ބައެއް ޕްރައިވެޓް އޮފީސްތައް ދިގު މުއްދަތަކަށް ބަންދުކުރާކަމަށްވާނަމަ އެމަޢުލޫމާތު ކޮންމެވެސް ފަރާތަކާއި ހިއްސާކުރުން ނުވަތަ އެތަންތަން ބެލެހެއްޓުން ކޮންމެވެސް ފަރާތަކާއި ހަވާލުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއްކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހަމްދޫން ރަޝީދު ވިދާޅުވީ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލުތައް ބަންދުވުމާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސް، މާލެ ތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށާއި ޓްރެފިކް މައްސަލަތަކަށްވެސް ސަމާލުކަމެއް ދީގެން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައިވެސް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.
މީގެއިތުރުން ޗުއްޓީއާ ދިމާކޮށް އަތޮޅުތެރެއިންވެސް މާލެއަށް ވަޑައިގަންނަވާ ފަރާތްތަކުންވެސް ގިނަ ޢަދަދެއްގެ ފައިސާއާއި އަގުބޮޑު ގަހަނާ ފަދަ ތަކެތި ދަތުރުވަރުގައި ގެންނެވުމަކީ ރައްކާތެރިކަމެއް ނޫންކަމަށާއި މިފަދަ ތަކެތި ގެނައިކަމުގައިވީނަމަވެސް އެތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓައި އެތަކެއްޗަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.
އަދި ޗުއްޓީއާ ދިމާކޮށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ ޗެކްޕޮއިންޓްތައް ޤާއިމްކޮށް ވެހިކަލްތައް ޗެކްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެކަމަށާއި މިފަދަ އޮޕަރޭޝަންތަކުގައި ޗެކްކުރާއިރު ރަށުގައި ލައިސަންސް ބާއްވާފައި އާދެވުންފަދަ ހާލަތްތައް ކުރިން ދިމާވެފައިވާކަން ފާހަގަކުރައްވައި، ޗުއްޓީއަށް މާލެ ވަޑައިގަންނަވާއިރު ލައިސަންސް ފަދަ ތަކެތި ގެންނެވުމަކީ މުހިންމު ކަމެއްކަމެއްކަމަށް ވިދާޅުވިއެވެ.ހަމައެއާއެކު މާލޭގައި ތިއްބަވާ ފަރާތްތަކުންނާއި އަތޮޅުތަކުންވެސް މާލެ ވަޑައިގަންނަވާ ފަރާތްތަކުންވެސް ވެހިކަލްތައް ދުއްވުމުގައި ޓްރެފިކް ޤަވާއިދަށާއި މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މަގުމަތި ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ.
ޗުއްޓީއާ ދިމާކޮށް ދަތުރުކުރައްވާއިރު ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހަމްދޫން ރަޝީދު ވިދާޅުވީ ބަންދާ ދިމާކޮށް ގިނަ ޢަދަދެއް ބަޔަކު ދަތުރުކުރަމުންދާއިރު ގެންގުޅޭ ތަކެއްޗާއި ފޮށިފަދަ ތަކެތި ބެހެއްޓޭތަން ނޭނގި ނުވަތަ ގެއްލުމަކީ ހިނގާފާނެކަމެއްކަމަށާއި ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުރިކަން ފާހަގަކުރެއްވިއެވެ.
އެގޮތުން މިފަދަ ތަކެތި ހޮވައިގެން ގެންނަ ތަކެތީގެ ގޮތުގައި ފުލުހުންނާ ހަމައަށް ގެނެވިފައި ހުންނަކަމަށް ވިދާޅުވިއެވެ.
އަދި ފޮށިފަދަ ތަކެތީގައި ވެރިފަރާތާއި ގުޅޭނެ ނަމްބަރު ހިމެނޭގޮތަށް ޓެގް ކުރެވިފައި ހުރުމަކީ އެތަކެތި ވެރިފަރާތާއި ހަވާލުކުރުމަށް ފުލުހުންނަށާއި އެއަރޕޯޓްތަކަށްވެސް ފަސޭހަ ވެގެންދާނެކަމެއް ކަމަށާއި ޗުއްޓީއާ ދިމާކޮށް ދަތުރުކުރައްވާއިރު ފޮށިފަދަ ތަކެތީގައި ވެރިފަރާތުގެ މަޢުލޫމާތާއި ގުޅޭނެ ނަމްބަރު ހިމެނޭގޮތަށް ޓެގްކުރުމަށް އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހަމްދޫން ރަޝީދު ވިދާޅުވީ ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއް ބަޔަކު ދަތުރުކުރަމުންދާއިރު އާއްމުކޮށް ޗުއްޓީއާ ދިމާކޮށް ކުދިކުދި ވައްކަންތަކާއި ޓްރެފިކް މައްސަލަތައް އިތުރުވެގެން ދިޔުމަކީ އެކަށީގެންވާކަމެއްކަމަށާއި އެހެންކަމުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމެއް ދެއްވައި އެކަންކަމަށް ސަމާލުކަން ދިނުމަށާއި ޓްރެފިކް ޤަވާއިދާއި މަގުމަތީގެ އަދަބުތަކަށް އިހްތިރާމްކޮށް މަގުމަތި ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި މިފަދަ ކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ މަގުމަތީގެ އަމާންކަން އެންމެންނަށް އިހުސާސް ކުރެވިގެންދާނެކަމަށާއި ޗުއްޓީއަކީ ރައްކާތެރި ހިތްހަމަޖެހޭ ޗުއްޓީއަކަށް ވެގެންދިޔުމަށް މަގުފަހި ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ