ޕީޕީއެމްއާއި ދެކޮޅަށް ރައީސް މައުމޫން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

ޕީޕީއެމް މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމް ހިންގުމުގެ ބާރު ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމްގެ ހިންގުން ޕީޕީއެމް މުސްތަޝާރާއި ހަވާލުކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ހުކުމް ކުރީ އެޕާޓީގައި ރައީސްއެއް ހުންނެވި ނަމަވެސް ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސް އެއް ނެތް ފަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
ޕީޕީއެމްގެ މުސްތަޝާރާއި ޕީޕީއެމް ހިންގުން ހަވާލުކުރީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބޭއްވުން މައުމޫން ހުއްޓާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ މައްސަލަ ނިންމާފަ އެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައިވަނީ އެއީ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވިދާޅުވީ ޕީޕީއެމްއާ ދެކޮޅަށް ރައީސް މައުމޫނަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ބަލައިގެންކަން އަދި އަންގާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ