އުމުރަށް ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅުއްވައިފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު މޫސާ ރަމީޒު ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްކުރުމަށް ނާޒިމަށް ދީފައިވާ މުއްދަތު އިތުރުކުރަން ނާޒިމް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމޭނީ މެޑިކަލް ބޯޑުގެ ބައްދަލުވުމަކަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މެޑިކަލް ބޯޑުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަންގާރަ ދުވަހު އެވެ.
ރާއްޖެއިން ބޭރުން ބޭސްކުރުމަށް ނާޒިމަށް ދީފައިވާ މުއްދަތު އިތުރުކުރަން ހުށަހެޅުއްވި މިއީ ތިންވަނަ ފަހަރެވެ. އެންމެފަހުން ނާޒިމަށް އިތުރުކޮށްދިން މުއްދަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.
ރައީސް އަބްދުﷲ ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނުނު ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެ އެވެ. އެފަހަރު އޭނާ އަށް ކަރެކްޝަނަލް ސާވިސް އިން ދިނީ ދެ ހަފުތާގެ މުއްދަތެކެވެ.
ނާޒިމް ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން މާލޭގައި އޭޑީކޭ އާއި އައިޖީއެމްއެޗްގައި ވެސް އެތައް ފަހަރަކު ނާޒިމަށް ފަރުވާ ދީފައިވެ އެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދީފައިވެ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
މެމްބަރު ނާޒިމްގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކުރަން އަނެއްކާވެސް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ